19 Oct 2013, 21:08
ރައީސުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ވަކިވުމަށް ޑީއާރްޕީގެ ކައުންސިލުން މިރޭ ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން ބާތިލް ކުރި ރިޔާސީ އިންތިހާބުގައި ވާދަކުރި ރައީސް ވަހީދުގެ ރަނިންމޭޓު އަހުމަދު ތަސްމީންއަލީގެ ލީޑާޝިޕްގައި އޮތް ކައުންސިލުން އެގޮތަށް ނިންމީ މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއްގަ އެވެ. ސަރުކާރުން ވަކިވުމަށް ކައުންސިލުގެ ބައްދަލުވުމުގައި ބައިވެރިވެޑައިގެންނެވި 13 މެންބަރުންގެ ތެރެއިން 10 މެންބަރުންގެ އަގުލަބިއްޔަތު ލިބުނެވެ.
ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ސަރުކާރުން ޑީއާރުޕީ ވަކިވީ އިންތިހާބުގެ ކަންތައްތަކުގައި ސަރުކާރުން އަމަލު ކުރަމުންދާ ގޮތްތަކާ ހުރެ ކަމަށެވެ.
DRP council decides to withdraw from Government expressing discontent over Government's actions in election related matters.
— Ahmed Thasmeen Ali (@Thasmeen)October 19, 2013
ސަރުކާރުން ޑީއާރްޕީ ވަކިވުމަށް ނިންމިއިރު، އެ ޕާޓީއަށް ނިސްބަތްވާ ވަޒީރުނާއި ސްޓޭޓް މިނިސްޓަރުނާއި މިނިސްޓަރުންގެ ނައިބުން ސަރުކާރުގައި އެބަތިއްބެވި އެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއުއަކީ ޑީއާރްޕީ ތަމްސީލު ކުރައްވާ ދެ ވަޒީރުންނެވެ.