19 Oct 2013, 20:55
މިއަދު ބާއްވަން އޮތް ރިޔާސީ އިންތިހާބު ކެންސަލުކުރުމާއި ގުޅިގެން ދެން ރިޔާސީ އިންތިހާބު ބޭއްވޭނެ ތާރީހެއް އިލެކްޝަންސް ކޮމިޝަނުން މިރޭ އިއުލާން ކުރާނެ ކަމަށް އިންތިޚާބާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވުމަށް ރައީސް ވަހީދު ކަނޑައެޅުއްވި މަންދޫބު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
"ސަން"އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ނާޒިމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނާއިބު ރައީސް އަހުމަދު ފަޔާޒާއެކު ރައީސް މުހަންމަދު ވަހީދު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި އިންތިހާބު ބާއްވާނެ ތާރީހަކަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި އެއްބަސްވެވުނު ތާރީހުތަކެއް މިރޭގެ ވަގުތެއްގައި އިލެކްޝަން ކޮމިޝަނުން އިއުލާން ކުރައްވާނެ ކަމަށް ވެސް އޭނަ ވިދާޅުވި އެވެ.
"އެދުވަސް އަޅުނގަޑުމެން އެއްބަސްވެވުނު ދުވަސްތަކެއް މިރޭ އިލެކްޝަން ކޮމިޝަނުން އިއުލާން ކުރައްވާނެ،" ނާޒިމް ވިދާޅުވި އެވެ.
ދެން އިންތިހާބެއް ބޭއްވޭނެ ގޮތަކާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި އެކު މިރޭ ބައްދަލުވުމެއް ވެސް ބާއްވަވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އެގޮތުން އެ މަޝްވަރާ ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަނުން ނިންމަވާ ގައިޑްލައިންތަކާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހުރިހާ ސިޔާސީ ޕާޓީތަކާ އަޅުނގަޑުމެން ބައްދަލުކުރާނަން. އިލެކްޝަން ކޮމިޝަނުން ނިންމަވާ ގައިޑްލައިނަކާ ބެހޭގޮތުން މަޝްވަރާކުރާން އެބޭފުޅުންނާއި އެކީގަ،" ނާޒިމް ވިދާޅުވި އެވެ.