އިލެކްޝަންސް ކޮމިޝަންގެ ސާވާއަށް ވަދެ، ވޯޓާސް ލިސްޓަށް ބަޔަކު ބަދަލު ގެނައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ރޭ އެއްބަސްވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ޑޭޓާބޭސް އަށް ބަޔަކު އެކްސެއްވެ، ބަދަލުގެނައިތޯ "ސަން"އިން ކުރި ސުވާލަކަށް ރޭ ފަތިހު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ޖަވާބު ދެއްވަމުން އީސީގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ ޑޭޓާބޭސް "ބަދަލުވި،" ކަމަށާއި "ލިސްޓް ޖެނެރޭޓް ފެށީ އެ ހުރިހާ ބަދަލެއް ރިކަވާ" ކުރުމަށްފަހުގައި ކަމަށެވެ. ތަފްސީލަކަށް މަނިކު ވަޑައިނުގަންނަވަ އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަން ވިދާޅުވީ މިހާތަނަށް ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލަޖީ (އެންސީއައިޓީ)އާ އެކު ދެކެވުނު ވާހަކަތަކުން އެތަނުގެ ފަންނީ ބޭފުޅުންގެ ފަރާތުން އެނގުނު އެއްޗަކީ އެއްވެސް ސިސްޓަމަކީ 100 ޕަސެންޓް ސެކިއުރިޓީ ޕްރޫފް އެއްޗެއް ނޫން ކަމަށެވެ.

"އެއްވެސް ބަޔަކަށް އެއްވެސް ސިސްޓަމަކަށް އަދި އަޅުގަނޑުމެންނަށް އެވަރުގެ އެޝުއަރެންސެއް ނުއެއް ލިބޭ. އަޅުގަނޑުމެން މިހާ ހިސާބަށް އެންސީއައިޓީއާ އެކު ދެއްކި ވާހަކަތަކުން އެބޭފުޅުންގެ ފަންނީ ބޭފުޅުންގެ ފަރާތުން އަޅުގަނޑުމެންނަށް އެނގުނު އެއްޗަކީ އެއްވެސް ސިސްޓަމެއް އެއްވެސް ނިޒާމެއް އެއީ 100 ޕަސެންޓް ސެކިއުރިޓީ ޕްރޫފް އެއްޗެއް ނޫނޭ. ކޮންމެ އެއްޗެއް ކޮންމެ ވަގުތަކު ވެސް ކޮންމެ ކަހަލަ އެޓޭކަކަށް ވެސް ހުށަހެޅިގެންވާ އެއްޗެއް ކަމަށް،" ފަޔާޒު ވިދާޅުވި އެވެ.

ފަޔާޒު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ ކަމަކީ ސިސްޓަމަށް އަންނަ އެކިއެކި އެޓޭކްތަކުން ސަލާމަތް ކުރުމަށް ފަންނީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން ކަމަށެވެ. އެގޮތުން އެ މަސައްކަތް ކުރުމަށް އެންސީއައިޓީން ވަރަށް ގިނަ "އެޑްވައިސް" ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ސާވާ އަށް އެމްޑީޕީން ވަދެ އޭގެ ޑޭޓާތަކަށް ބަދަލު ގެންނަ ކަމަށް ތުހުމަތުކޮށް ޕީޕީއެމާއި ޖުމްހޫރީ ގުޅުމުގެ ފަރާތުން ވަނީ ބުނެފަ އެވެ. ފުލުހުން ވެސް އެ މައްސަލަ ބަލަމުންދިޔަ އެވެ.