ރިޔާސީ އިންތިޚާބު ނުބޭއްވި ލަސްވަމުންދާތީ މާލޭ ސިޓީ ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ދިނުމަށް ތަދިތަކަކާ ކުރިމަތިވާ ކަމަށް ބުނެ، އިންތިހާބު ބާއްވަންދެން އެ ހިދުމަތްތައް ދިނުން އެ ކައުންސިލުން ހުއްޓާލަން ނިންމައިފި އެވެ.

އެގޮތަށް ނިންމާފައި ވަނީ މާލޭ ސިޓީ ކައުންސިލުން މިރޭ ބޭއްވި ކުއްލި ބައްދަލުވުމެއްގައި ކައުންސިލްގައި ހިމެނޭ 11 މެންބަރުންގެ ތެރެއިން އަށް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރި ގަރާރަކުންނެވެ.

ކައުންސިލްގެ ގަރާރު އިއްވަމުން މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު (އަލިބެ) ވިދާޅުވީ ގަރާރުގައި ވަނީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ވޯޓު ދިނުމުގެ ހައްގު ހޯދުމަށް އެމްޑީޕީން މާލޭ މަގުތަކުގައި ކުރަމުން ގެންދާ މުޒާހަރާއަށް އެ ކައުންސިލުން ފުރިހަމައަށް ތާއިދު ކުރާ ކަމަށެވެ. އަދި މާލޭގައި ކުރަމުން ގެންދާ މުޒާހަރާގައި ބައިވެރިވުމަށް މާލެ އަންނަ އެއްވެސް ބަޔަކަށް އެއްވެސް ފަރާތަކުން ހުރަސް އެޅުމަކީ އެ ކައުންސިލުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އެ ގަރާރުގައި ބުނެފައިވާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ދެމުންދާ އަސާސީ ހިދުމަތްތަކުގެ ތެރެއިން، އެ ކައުންސިލުން ދިނުން ހުއްޓާއިލުމަށް ނިންމާފައިވާ ހިދުމަތްތަކުގެ ތެރޭގައި އުފަން ދުވަހުގެ ސެޓްފިކެޓް ހެއްދުމާއި ގޯތި ގެދޮރާއި ވިޔަފާރި ފަދަ ތަންތަނުގެ ހުއްދަ ދޫކުރުމާއި ޢިމާރާތްކުރުމަށް މާލޭގެ މަގުތައް ބަންދުކުރުމަށް ދޫކުރާ ހުއްދަ އާއި މަގުތައް ސާފުކުރުމުގެ މަސައްކަތްތަކާއި ކުނިއުކާލުންފަދަ ހިދުމަތްތައް ކަމަށް އެ ގަރާރުގައިވެ އެވެ.

އަލިބެ ވިދާޅުވީ އިންތިޚާބުގެ ވޯޓުލުން މިއަދު ކެންސަލް ކުރުމާ ގުޅިގެން ރައްޔިތުންގެ ވަރަށް ބޮޑު ހައްގެއް ނިގުޅައިގެނެވިފައިވާ ކަމަށާއި އަދި އެކަމާ ގުޅިގެން ރައްޔިތުން މަގުތަކަށް ނުކުމެ އިހްތިޖާޖު ކުރަމުންދާނަމަ މާލޭގައި ސިޓީ ކައުންސިލުން ދޭންޖެހޭ ހިދުމަތްތަކަށް ބުރޫ އަރާނޭ ކަމަށެވެ.

މާލޭ ސިޓީކައުންސިލުން އިތުރަށް ބުނީ އެ ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ރަނގަޅަށް ހިނގައިގަންނާނީ އިންތިހާބް ބޭއްވިގެން ކަމަށެވެ.