އެމްއެންއެސްއެލްގެ ބޯޓެއްގެ އިންޖީނު ހަލާކުވެ، “ޕަޕުއާ ނިއުގިނީ އައިލެންޑް”ގައި ހާލުގައި ޖެހިފަ އޮންނަތާ ތިން މަސް ދުވަސް ވެއްޖެ އެވެ.


ޕަޕުއާ ނިއުގިނީ އައިލެންޑް ބަނދަރުގައި އޮތް އެމްއެންއެސްއެލްގެ ބޯޓުގެ ފަޅުވެރިޔެއް ކަމަށްވާ އަދި މަޝްހޫރު ތަބައްގޭ އަދުނާނު ސަން އޮންލައިނަށް މައުލޫމާތު ދެމުން މިއަދު ބުނީ އެ ބޯޓުގެ އިންޖީނުގެ "ޓާބާ ޗާޖަރު" ހަލާކުވެގެން އެ ބަނދަރުގައި އޮންނަތާ ތިން މަސް ދުވަސް ވެފައިވާ ކަމަށާއި ބޯޓުން ކާބޯތަކެތި ހުސްވެ، ފަޅުވެރިން ވަރަށް ބޮޑަށް ހާލުގައި ޖެހިފައިވާ ކަމަށެވެ.


ކާބޯ ތަކެތި ހުސްވުމުން ފަޅުވެރިން ބަނޑުފުރާނަ މުއްތި ކުރަނީ މަސްބާނައިގެން ކަމަށާއި ނަމަވެސް އެ ގޮތަށް ބޯޓުގެ ބޭރުގައި މަސް ބާނަން ތިބުމުން އެ މީހުންނަށް ނުރައްކަލާ ކުރިމަތިލާންޖެހިފައިވާ ކަމަށް އަދުނާނު ބުންޏެވެ. ސަބަބަކީ އެ ރަށުގައި މިހާރު މެލޭރިއާ ފެތުރެމުންދާތީވެ މަދިރީގެ ނުރައްކާ ވަރަށް ބޮޑުވެފައިވާ ކަމަށާއި އެ ކަކަށް މެލޭރިއާ ޖެހިގެން ހާލު ބޮޑުވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.


"ބަނޑުފުރާނަ މުއްތި ކުރުމަށްޓަކައި ފަޅުވެރިން މަސްބާނަން ތިބޭއިރު، މަދިރީގެ ނުރައްކާ ވަރަށް ބޮޑު. މިހާރު ވެސް ބައެއް ކުދިންގެގައިގައި ފިއްތައް ނަގާފައި އެބަހުރި. އެ ނިޝާންތައް ތިޔަ ބޭފުޅުންނަށް ފެނުނަސް ހައިރާންވެދާނެ. އެ މީހުން ފެނުނަސް ހިތަށް އަރާނީ އެފުރިކާގައި ހާލުގައި ޖެހިފައިތިބި ބައެއް ކަމަށް. އެފަދަ ނިކަމެތި ހާލުގައި އަޅުގަނޑުމެން މިއުޅެނީ." އަދުނާން ބުންޏެވެ.


ބޯޓުގައި އެއްވެސް ވަރަކަށް ބޯފެން ނެތް ކަމަށް ބުނެ، އަދުނާދު އިތުރަށް ބުނީ އެ މީހުން ފެން ހޯދަނީ ވާރޭ ވެހުމުން ލިބޭ ފެން ފޮދު ކަމަށެވެ. އަދި ބޯޓުގައި ތިބި 19 ދިވެހި ފަޅުވެރިން އަތުން ވެސް ފައިސާ ހުސްވެފައިވާ ކަމަށް އޭނާ ބުންޏެވެ.


ސަން އަށް އެނގިފައިވާ ގޮތުގައި އެ ބޯޓްގައި ތިބި 24 ދިވެހިންގެ ތެރެއިން ފަސް މީހަކު ވަނީ ރާއްޖެ އައިސްފަ އެވެ.


ބޯޓުގެ ފަޅުވެރިންނަށް އެމްއެންއެސްއެލްއިންދޭ މުސާރަ އެ މީހުންގެ އަނބިދަރިންނާ ހަވާލު ކުރުމަށް އެމްއެންއެސްއެލްގައި އެދިފައިވާނެ ކަމަށާއި އަދިވެސް އެ މުސާރަ އެ މީހުންނާ ހަވާލުކޮށްފައި ނުވާ ކަމަށް އަދުނާނު ބުންޏެވެ. ނަމަވެސް އެކަމާ ގުޅިގެން އެމްއެންއެސްއެލްގެ ބަހެއް އަދި މިހާތަނަކަށް ލިބިފައެއް ނުވެ އެވެ.