ރިޔާސީ އިންތިޚާބު ފަސް ކުރަން ބޭނުންނުވާ ކަމަށާއި ސައްޚަ އިންތިހާބެއް ބާއްވަންޏާ މިހާރު ވެސް އިންތިޚާބާ ކުރިމަތިލާން ތައްޔާރުކަމަށް ޕީޕީއެމުން ބުނެފި އެވެ.

މިއަދު ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ އަންހެނުންގެ ގޮފީގެ ރައީސާ އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވީ އިންތިޚާބު ފަސްކުރަންޖެ ހުނީ ސައްޚަ އިންތިހާބެއް ބޭއްވުމުގެ މަގުސަދުގައި ކަމަށެވެ.

ދުންޔާ ވިދާޅުވީ ވޯޓާސް ލިސްޓްގައި އެތަކެއް މައްސަލަ އެބަހުރި ކަމަށާއި އެކަން ކަމަށް އިޖާބަދީ އެ މައްސަލަތައް އިލެކްޝަންސް ކޮމިޝަނަށް ހައްލު ކުރެވެން ޖެހޭނެ ކަމަށެވެ. އެ މައްސަލަތައް ހައްލުކޮށްގެން ނޫނީ ސައްޚަ އިންތިހާބެއް ނުބޭއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގައި އެތައް ގިނަގުނަ މައްސަލަތަކެއް ފާހަގަވަމުންދޭ. އެހެންކަމުން ޕީޕީއެމް އިން ތަކުރާރުކޮށް އެތައް ކަމެއް ހުށަހަޅާފައިވޭ. މިކަންކަމަށް އިޖާބަދެއްވުން ވަރަށް މުހިންމު. އޭގެތެރޭގައި ފިންގާ ޕްރިންޓް ވެރިފިކޭޝަން ވެސް ހިމެނޭ. މިކަމަކީ މާ ގިނަ ވަގުތުތަކެއް ނަގާ ކަމެއް ވެސް ނޫން،" ދުންޔާ ވިދާޅުވި އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިންތިހާބު ފަސްކުރީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީން ކަމަށް ބުނެ ބައެއް ފާރަތްތަކުން ދޮގު ތުހުމަތު އެ ދެ ޕާޓީގެ ބޮލުގައި އަޅުވަމުންދާ ކަމަށެވެ. ޕީޕީއެމުން މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ހާމަކަން ބޮޑު ސައްޚަ އިންތިހާބެއް ގެނެސްދޭން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުސްތަގިއްލު މުއްސަސާއެއް ނޫން ކަމަށާއި އެއީ "އެމްޑީޕީ އާއެއްކޮށް ކޯލިޝަން ހަދައިގެން މަސައްކަތް ކުރާ ސިޔާސީ ޕާޓީއެއް" ކަމަށެވެ.