ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުނެގުން ލަސްވަމުންދާތީ ކޮމަންވެލްތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރްމާ ވިދާޅުވީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރާއްޖޭގައި ރައީސަކު ހޮވުމަށް އޮކްޓޫބަރު 19 ވަނަ ދުވަހުގެ ހެނދުނު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު ނުބޭއްވި ލަސްވަމުން ދިއުމުގެ ސަބަބުން އެ ޖަމިއްޔާ އިން އެކަމާ އިންތިހާ އަށް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

ޝަރްމާ ފާހަގަކުރެއްވި ގޮތުގައި ހުސްވި މަހުގެ ހަތް ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ރާއްޖޭގެ ސުޕްރީމް ކޯޓުން ބާތިލް ކުރުމާ ގުޅިގެން އަލުން އިންތިޚާބުގެ ފުރަތަމަ ބުރު މިއަދު ބޭއްވުމަށް ހަމަޖެހިފައިވީ ނަމަވެސް އިންތިޚާބު މިއަދު ނުބޭއްވުމުގެ ސަބަބުން މިހާރު ރާއްޖޭގައި އޮތް ސަރުކާރުގެ މުއްދަތު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ހަމަވާއިރު އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ގޮވާލަން ކަމާ ގުޅޭ ހުރިހާ އިދާރާތަކަށާއި އަދި ހުރިހާ ރިޔާސީ ކެންޑިޑޭޓުން ވެސް އެންމެން ގުޅިގެން މި އިންތިޚާބުވީ އެންމެ އަވަހަކަށް ބޭއްވޭނެ ކަމުގެ ޔަގީންކަން ހޯއްދަވައިދެއްވުމަށް،" ޝަރުމާ ވިދާޅުވި އެވެ.
"މިނިވަން އިލެކްޝަންސް ކޮމިޝަނަކަށް ބައިނަލްއަގްވާމީ އިންތިޚާބީ މިންގަނޑުތަކަށް ފެތޭގޮތަށް މި އިންތިޚާބު އެއްވެސް ފަސްކުރުމެއް ނެތި ވީއެންމެ އަވަހަކަށް ބޭއްވުން އެއީ ވަރަށް މުހިއްމު ކަމެއް."

ޝަރްމާ ވިދާޅުވީ ހަތެއް ސެޕްޓެމްބަރުގައި ވެސް ރާއްޖޭގެ ރައްޔިތުންވަނީ އެބައި މީހުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްގު ފުރިހަމަ އަށް ލިބިދިނުމަށް އެދި އަޑުއުފުލާފައި ކަމަށާއި އަދި ވޯޓުލުމަށް އެބައިމީހުން ކެއްމަދުވެފައިވާ މިންވަރު ހާމަކޮށްފައި ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް އެބައިމީހުންގެ ވެރިޔަކު އިންތިޚާބު ކުރުމަށް ގާނޫނު އަސާސީން ލިބިދީފައިވާ ވޯޓުލުމުގެ އަސާސީ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދައި ދިނުމަކީ ސިޔާސީ އެންމެހައި ލީޑަރުންނާއި އަދި ކަމާގުޅޭ ދާއިރާތަކުގެ މައްޗަށް ލާޒިމް ކަމެއް،" ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

ޝަރްމާ އިތުރަށް ވިދާޅުވީ، ކޮމަންވެލްތުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖޭގެ ހާލަތު ވަރަށް ކައިރިން ބައްލަވަމުން ގެންދަވާނޭ ކަމަށެވެ.