19 Oct 2013, 18:50
މާލޭގެ ފިހާރައަކުން 18،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 33 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހާ އަތުލައިގެންފައި ވަނީ މާފަރު ގެސްޓް ހައުސް ކައިރިން މިއަދު މެންދުރު ކަމަށެވެ. ނަމަވެސް އެމީހާ އާ ބެހޭ އެއްވެސް ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.
ފުލުހުން ބުނީ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ޗެކުރި އިރު 18،700 އަށް ވުރެ ގިނަ ރުފިޔާ އާއި 900 ރުފިޔާގެ ރީޗާޖް ކާޑު އޭނާގެ އަތުގައި ހުރި ކަމަށެވެ.
އެ މީހާއަކީ ވައްކަމުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ވެސް ރެކޯޑެއް އޮންނަ މީހެއް ކަމަށެވެ. އެ މައްސަލަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.