މާދަމާއަކީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ބަންދު ދުވަހެއް ކަމަށް އެ ކޮމިޝަނުން ކަނޑައަޅައިފި އެވެ.

އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު މިއަދު ސަން އަށް ވިދާޅުވީ މާދަމާއަކީ އެ ކޮމިޝަނަށް ޗުއްޓީ ދުވަހެއް ކަމަށާއި ކޮމިޝަން މާދަމާ ބަންދުވާނެ ކަމަށެވެ. ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑަޅާފައިވާ ގައިޑްލައިންތައް އިލެކްޝަންސް ކޮމިޝަނުން ފުރިހަމަ ނުކުކޮށް އިންތިހާބު ބާއްވަން އުޅޭތީ ފުލުހުން ވަނީ މިއަދު ބާއްވަން އުޅުނު ރިޔާސީ އިންތިހާބު ކެންސަލްކޮށްފަ އެވެ. އިންތިހާބު ބާއްވާނެ ތާރީހެއް އަދި ކަށަވަރު ނުވާއިރު، އީސީގެ ރައިށް ފުއާދު ތައުފީގު ވިދާޅުވީ އިންތިހާބެއް ބޭއްވުމަށް މަދުވެގެން 21 ދުވަސް ބޭނުންވާ ކަމަށެވެ.