19 Oct 2013, 17:43
ރާއްޖޭގައި މި އަހަރު ބާއްވަން ޖެހޭ ރިޔާސީ އިންތިހާބު ބާއްވާނެ ދުވަހެއް މިހާރުން މިހާރަށް ކަނޑައަޅައި ދިނުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.
އެ ޖަމިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ނޮވެމްބަރު 11ގައި އިންތިހާބު ވެފައިވާ ރައީސަކު ހުރުން ކަށަވަރު ކުރުމަށް ޓަކައި އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް ގޮވާލާ ކަމަށެވެ.
"ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ރިޔާސީ އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚުތަކަށް އިހުތިރާމް ކުރެވިފައި ނުވާ ހިނދު، 11 ނޮވެމްބަރު 2013ގެ ކުރިން ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސަކު ކޮންމެހެން ހުރުން ކަށަވަރު ކުރުމަށް ޓަކައި، އިންތިޚާބު ބާއްވާނެ ދުވަހެއް މިހާރުން މިހާރަށް ކަނޑައަޅައި ދެއްވުމަށް މިޖަމިއްޔާ އިން ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ޒިންމާ އަދާކުރުމަށް ހުރަސް ނޭޅުމަށާއި އެކޮމިޝަނުގެ މިނިވަންކަމަށް އިހުތިރާމް ކުރުމަށް އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
".. އިންތިޚާބު ބޭއްވުމާއި އިންތިޚާބުތަކާ ބެހޭ އިދާރީ އިޖުރާތްތައް ކަނޑައެޅުމުގެ މުއައްސަސާއަކީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ޒިންމާއަކަށް ވާތީ، މިޒިންމާ އަދާ ކުރުމަށް ހުރަސް އެޅޭ ފަދަ އެއްވެސް އަމަލެއް ނުކުރުމަށާއި އިލެކްޝަންސް ކޮމިޝަނުގެ މުސްތަގިއްލުކަމާއި މިނިވަންކަމަށް އިހުތިރާމް ކުރުމަށް އެންމެހާ ފަރާތްތަކަށް ޓްރާންސް ޕޭރެންސީ މޯލްޑިވްސް އިން ގޮވާލަމެވެ،" ބަޔާނުގައި ވެއެވެ.
ރާއްޖޭގެ ރިޔާސީ އިންތިހާބު ދެވަނަ ފަހަރަށް ލަސްކުރުމުން ބައިނަލް އަގުވާމީ މުޖުތަމައުން ވެސް ދަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރަމުންނެވެ.