19 Oct 2013, 17:08
އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާއްވަން ޝަރުތުތަކަކާ އެކު ޖުމްހޫރީ ގުޅުމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
މިއަދު ކުނޫޒުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ޖުމްހޫރީ ގުޅުމުގެ ފަރާތުން ވަނީ ފުރަތަމަ ބުރު އަންނަ ހޮނިހިރު ދުވަހު ބާއްވައި ދެވަނަ ބުރު ނޮވެމްބަރު މަހު ދެ ވަނަ ދުވަހު ބާއްވަން ހުށަހަޅައިފަ އެވެ. އަދި ހަމަ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ނޮވެމްބަރު 11ގެ ކުރިން އާ ރައީސަކު ހޮވުމަށް ވެސް ޖޭޕީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވެ އެވެ.
ނަމަވެސް އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ޖޭޕީން ވަނީ ހަތަރު ކަމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފަ އެވެ.
އެގޮތުން ވޯޓާސް ލިސްޓަކީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓަރޭޝަން (ޑީއެންއާރު)އާ އެއްގޮތަށް އޮތް ލިސްޓެއް ކަން ކަށަވަރު ކުރުމަށް ހުށަހަޅާފައިވާ އިރު އިލެކްޝަންސް ކޮމިޝަންގެ ޑާޓާ ބޭސް ސިސްޓަމަކީ ސައްހަކަމާ އެ ސިސްޓަމަށް ބޭރުންގެ ފަރާތްތަކުން އެކްސެސް ނުކުރެވޭނެ ކަމަށް ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ކަށަވަރުކުރުމަށް ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން ފުލުހުން މެދުވެރިކޮށް ވޯޓާސް ލިސްޓުގެ ފަސް ޕަސެންޓު ވެރިފައި ކުރުމަށް ހުށަހަޅާފައިވާ އިރު ވޯޓާސް ލިސްޓު ވެރިފައި ކުރުމަށް ސިޔާސީ ޕާޓީތަކަށް އިއްޔެ އިން ފެށިގެން ތިން ދުވަހުގެ މުއްދަތުދީ ލިސްޓު ފޮނުވާތާ 24 ގަޑި އިރުގެ ތެރޭގައި ސިޔާސީ ޕާޓީތަކުން ސޮއި ކުރުމަށް ހުށަހަޅާފައިވެ އެވެ.
ޖޭޕީން އަންނަ ހޮނިހިރު ދުވަހު އިންތިހާބު ބާއްވަން ހުށަހަޅަން ނިންމާފައިވާ އިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަން ވެސް ވަނީ އަންނަ ހޮނިހިރު ދުވަހު އިންތިހާބު ބާއްވައި ދިނުމަށް އިލެކްޝަންސް ކޮމިޝަން ކައިރިން އެދިވަޑައިގަންފަ އެވެ.