ބްރެޒިލް ލީގުގައި ކުޅޭ ބޮޑު އެއް ކްލަބް ކަމަށްވާ ވަސް ކޮ ޑަގާމާ ރެލިގޭޓް ވެދާނެ ކަމަށް ބެލެވޭތީ އެޓީމުގެ ސަޕޯޓަރުން ރުޅިގަދަވެ ރަތަށް އަރައިފި އެވެ.

ބްރެޒިލް ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް 29 މެޗު ކުޅެފައިވާއިރު ވަސްކޯ ލީގުގައި އެންމެ ފަހުން ކުޅުނު ދެމެޗުންވެސް ބަލިވެ ލީގުގެ 18 ވަނައަށް ވަނީ ވެއްޓިފަ އެވެ. ކޮންމެ ޓީމަކަށް ބާކީ ނުވަ މެޗު ކުޅެން އޮތްއިރު ލީގު ނިމޭއިރު އެންމެ ފުލުގައި އޮންނަ ހަތަރު ޓީމު ރެލިގޭޓް ވާނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ލީގުގެ ހަވަނައިގައި އޮތް ގިއޯސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ވަސްކޯ ކުޅުނު މެޗުން އެޓީމު ބަލިވީ 2-0 އިންނެވެ. އެކަމާ ރުޅި ގަދަވެގެން ކްލަބްގެ ބައެއް ސަޕޯޓަރުން ވަނީ ހުކުރު ދުވަހު އެ ކްލަބް ފަރިތަކުރުން ބާއްވަން ތައްޔާރުވަމުން ދިޔަ ވަގުތު ޑްރެސިންގް ރޫމްތެރެއަށް ވަދެ އެތަން ހިސޯރު ކޮށްފަ އެވެ.

"ކްލަބްގެ ސެކިއުރިޓީ ގާޑުންގެ ގޮތުގައި ތިބީ 10 މީހުން. އެކަމަކު 50 ސަޕޯޓަރުން އެމީހުންނަށް ހިފެހެއްޓޭ ގޮތެއް ނުވި،" ވަސްކޯގެ އޮފިޝަލެއް ކަމަށްވާ މެނުއަލް ބާބޯސާ ބުންޏެވެ.

ފުލުހުންގެ ބެލުމުގެ ދަށުން ކްލަބްގެ ސަޕޯޓަރުންގެ ގްރޫޕަކުން ވަނީ ކޯޗު ޑޮރިވަލް ޖޫނިއާއާ ބައްދަލުކޮށްފަ އެވެ. އަދި އެމީހުން ވަނީ، އާދީއްތަ ދުވަހު ބޮޓަފޯގޯއާ ދެކޮޅަށް ވަސްކޯ ކުޅެން ހަމަޖެހިފައިވާ މެޗުން އެޓީމު ބަލިވެއްޖެ ނަމަ ހަމަނުޖެހުން ހިންގާނޭ ކަމުގެ އިންޒާރު ދީފަ އެވެ.

ބްރެޒިލްގެ ޕޯޗްގީޒް ދަރިކޮޅަށް ނިސްބާތްވާ ވަސްކޮޑަގާމާ އަކީ، އެގައުމުގައި އެންމެ ދުވަސްވީ އަދި މަޝްހޫރު އެއް ކްލަބެވެ. އެހެން ނަމަވެސް މިފަހަކަށް އައިސް އެ ކްލަބަށް ރަނގަޅު ކާމިޔާބެއް ހޯދިފައެއް ނުވެ އެވެ.

ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވަސްކޮޑަގާމާ ރެލިގޭޓްވީ 2008 ވަނަ އަހަރު އެވެ. އެހެން ނަމަވެސް ޖެހިގެން އައިއަހަރު އެ ކްލަބް ވަނީ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދާފަ އެވެ.