19 Oct 2013, 16:00
ރާއްޖޭގެ ކަންތައްތައް ކައިރިން ބަލަމުން އަންނަ ކަމަށް އިންޑިއާއިން ބުނެފި އެވެ.
އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން މިއަދު އާއްމުކުރި ބަޔާނެއްގައި ވަނީ ރިޔާސީ އިންތިހާބު ލަސްވުމުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭ ކަމަށާއި ރާއްޖޭގެ ކަންތައްތައް ކައިރިން ބަލަމުންދާ ކަމަށެވެ.
"ތަކުރާރުކޮށް ބާއްވަން އުޅުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު މިއަދު ނުބޭއްވުމުންނާއި ގާނޫނު އަސާސީން ހަވާލުވެފައިވާ މަސްއޫލިއްޔަތައިގެން ކުރިއަށް ދިއުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނަށް ފުރުސަތު ލިބިފައި ނުވުމުން އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ. ރާއްޖޭގައި ހިނގަމުންދާ ކަންތައްތައް ބައިނަލްއަގުވާމީ މުޖުތަމައާ އެކު އިންޑިއާ އިން މިދަނީ ކައިރިން ބަލަމުންނެވެ. އަދި ރާއްޖޭގެ ޑިމޮކްރެޓިކް ޕްރޮސެސް އަށް ހުރަސް އަޅަން ކުރާ މަސައްކަތްތަކާ މެދު އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވެ އެވެ،" އިންޑިއާގެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި އަދި ބުނެފައި ވަނީ ގާނޫނު އަސާސީގައިވާ ގޮތަށް ނޮވެމްބަރު 11 ވަނަ ދުވަހު އާ ރައީސަކު ހުވާ ކުރުމަށް ޓަކައި އަވަހަށް އިންތިހާބު ބޭއްވުމަށް ގޮވާލާ ކަމަށެވެ. އެކަމުގައި މިހާތަނަށް ވެސް ވަރަށް ބޮޑު ކެތްތެރިކަމެއް ދައްކާފައިވާ ދިވެހި ރައްޔިތުންގެ އުއްމީދާއި ރޫހު ވިސްނުމުގައި ބަހެއްޓުމަށް ވެސް ވަނީ ގޮވާލާފަ އެވެ.
އިންތިހާބު ބޭއްވުމަށް ޓަކައި އިލެކްޝަންސް ކޮމިޝަނަށް އެހީތެރިވުމަށް ދިވެހި ސަރުކާރަށާއި ހުރިހާ ސިޔާސީ ޕާޓީތަކަށް އިންޑިއާ އިން ވަނީ ގޮވާލާފަ އެވެ.