ރާއްޖޭގައި ރިޔާސީ އިންތިހާބު ވީހާ އަވަހަކަށް ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނަށް ދިނުމަށް އިނގިރޭސި ފޮރިން ސެކްރެޓަރީ ވިލިއަމް ހޭގް ގޮވާލައްވައިފި އެވެ.

މިއަދު އާއްމު ކުރެއްވި ބަޔާނެއްގައި ވިލިއަމް ހޭގް ވިދާޅުވެފައި ވަނީ ރާއްޖޭގެ އިންތިހާބު އަނެއްކާ ވެސް ލަސްވުމުން ވަރަށް ބޮޑަށް ރުހިވަޑައި ނުގެން ހުންނެވި ކަމަށެވެ.

"ދިވެހިރާއްޖޭގެ ރިޔާސީ އިންތިހާބު އަނެއްކާ ވެސް ލަސްވުމުން އަޅުގަނޑު މިހިރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ އެވެ. ޑިމޮކްރެޓިކް ޕްރޮސެސް ކުރިއަށް ގޮސް ނޮވެމްބަރު 11ގައި އާ ރައީސަކު ހުވާ ކުރުމަކީ މުހިއްމު ކަމެކެވެ. ގާނޫނު އަސާސީގައިވާ ކަންތައްތައް ފުރިހަމަ ވުމަށް ޓަކައި ވީހާ އަވަހަކަށް އިންތިހާބު ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނަށް ދިނުމަށް އަޅުގަނޑު ވަރުގަދައަށް ގޮވާލަމެވެ،" ބަޔާނުގައި ހޭގް ވިދާޅުވެފައިވެ އެވެ.

ބަޔާނުގައި އަދި ވަނީ އިތުރު ލަސްކުރުމެއް ނެތި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ގޮވާލައްވާ ކަމަށެވެ. ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި ދިވެހި ރައްޔިތުންނަށް އެހީތެރި ވުމަށް ޔޫރަޕިއަން ޔޫނިއަންއާއި ކޮމަންވެލްތަކާ އެކު އިނގިރޭވިލާތް އޮތީ ތައްޔާރަށް ކަމަށް ވެސް ހޭގް ވިދާޅުވެފައި ވެއެވެ.