29 Nov 2010, 13:00
މާފަންނު ވިލީ ފުލުސް ހުންނަ އިމާރާތް ކައިރީގައި ހިނގި އަލިފާނުގެ ހާދިސާއެއްގެ މައުލޫމާތު ލިބިގެން އިމަޖެންސީގައި ދިޔަ ފަޔާ ލޮރީއެއް ގޯޅި އަޅަން އުޅުމުގެ ތެރޭގައި އިތުރު ވެހިކަލްތަކެއްގައި ޖެހި ނުކުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
އެމްއެންޑީއެފްގެ މޭޖާ އަބުދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް ފަޔާ ކޮންޓްރޯލަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފަޔާ ލޮރީ އެ ސަރަހައްދަށް ދަނިކޮށް ކަމަށެވެ. ނަމަވެސް އަލިފާނުގެ ހާދިސާއެއް އެހިސާބުގެ ގެއެއްގައި ހިންގައިގެން ނޫޅޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެ ސަރަހައްދުގައި ހުރި ސަން އޮން ލައިންގެ ނޫސްވެރިއަކު ބުނީ އެއެކްސިޑެންޓް ހިނގީ ޕިކަޕަކާއި ކާރަކާއި ސައިކަލަކާ ފަޔަރ ލޮރީ ޖެހިގެން ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ ފަޔާ ލޮރީ ބާރު ސްޕީޑެއްގައި ދުއްވާފައި ދަނިކޮށް މާފަންނު ގެއެއްގެ ފާރުގައި ޖެހިގެން ކަމަށެވެ. އެމައްސަލަ އިތުރަށް ތަހްޤީޤް ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ އެކްސިޑެންޓްގައި ފަޔާ ލޮރީގެ އިތުރަށް ތިން ސައިކަލަކާއި ކާރަކާއި ޕިކަޕަކަށް ގެއްލުން ވެފައިވާ ކަމަށާއި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ފަޔަރ ލޮރީގެ ކުރިމަތިން ދަށުވެފައިވާ ސައިކަލަށް ކަމަށް އެ ސަރަހައްދުގައި އެ އެކްސިޑެންޓް ކަވަރުކުރުމަށް ހަރަކާތްތެރި ސަން އޮންލައިންގެ ނޫސްވެރިން ބުންޏެވެ.
މިހާދިސާގައި ކަނބާއައިސާރަނި މަގުގައި ހުރި ފިހާރައެއްގެ ތެރެއިން ނުކުތް އުމުރުން 39 އަހަރުގެ އަންހެނެއްގެ ބޯފަޅައިގެން ގޮސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މިހާރު އޭނާ އަށް އައިޖީއެމްއެޗަށް ގެންގޮސް އަންނަނީ ފަރުވާދެމުންނެވެ.
އެކްސިޑެންޓް ހިނގިއިރު އެސަރަހައްދުގައި ޕާކްކޮށްފައި ހުރި ގިނަ އަދަދެއްގެ ވެހިކަލްތަކަކީ ގަވައިދާ ހިލާފަށް ޕާކްކޮށްފައި ހުރި ވެހިކަލްތަކެއްކަން ފާހަގަކުރެވެ އެވެ.