މިއަދު ބާއްވަން އޮތް ރިޔާސީ އިންތިހާބު ނުބާއްވައި އިންތިހާބް ކެންސަލްކުރުމަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގެއް ނިގުޅައިގަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައިވާ ގޮތަށް މިއަދު ބާއްވަން ޖެހޭ އިންތިހާބް ބޭއްވިފައިނުވާ މައްސަލަ ކުށްވެރިކޮށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ނެރުއްވާފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ އިންތިހާބުތަކުގައި ވޯޓު ދިނުމާއި އިންތިހާބުތަކުގެ އެކިއެކި މަގާމުތަކުގައި ކުރިމަތިލުމުގެ ހައްގަކީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށެވެ. އަދި އެހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށްދިނުމަކީ ދައުލަތުގެ މުއައްސަސާތަކުގެ ވާޖިބެއް ކަމަށް ވެސް ބުނެފައިވެ އެވެ.

"މިއަދު 19 އޮކްޓޯބަރ 2013 ވީ ހޮނިހިރު ދުވަހު ހިނގާދިޔަ ކަންތައްތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ނިގުޅައިގަތުން ކަމަށް އަޅުގަނޑު ދެކެމެވެ. އަދި ގާނޫނު އަސާސީ އައީ ގާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިމުން ބޭރުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ވެރިންގެ އަމުރަށް މިއަދު ފުލުހުން އަމަލުކޮށްފައިވާ ގޮތް އަޅުގަނޑު ކުއްވެރިކުރަމެވެ،" ޝާހިދު ވިދާޅުވެފައިވެ އެވެ.

މީގެއިތުރުން ރިޔާސީ އިންތިހާބް އަލުން ބާއްވާނެ ތާރީހެއް މިހިނދުން މިހިނދަށް ކަނޑައަޅައި އެކަން އިއުލާން ކުރުމަށާއި ރައްޔިތުން އިންތިހާބިކުރާ އާ ރައީސަ ނޮވެމްބަރު 11ގައި އިންތިހާބް ކުރުމަށް އެ ބަޔާނުގައި އިލެކްޝަންސް ކޮމިޝަނަށް ޝާހިދު ވަނީ ގޮވައިލައިފަ އެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިހާބުތަކުގެ ހުރިހާ ކަމެއް ފުރިހަމަކޮށް އިންތިހާބުގެ ކަންތައްތައް ހިނގަނީ އިންސާފުވެރިކަމާއި ސުލްހަވެރިކަމާ އެކު ބިރުދެއްކުމެއް ނުފޫޒެއް ނެތި ވޯޓުލުމުގެ ހައްގު ފުރިހަމައަށް އަދާކުރެވޭ ގޮތެއްގެ މަތިންކަން ކަށަވަރު ކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއް ކަމަށް ވެސް މަޖިލިސްގެ ރައީސްގެ އެ ބަޔާނުގައިވެ އެވެ.

މިއަދު ބާއްވަން އުޅުނު ރިޔާސީ އިންތިހާބު ކެންސަލް ކުރީ އިލެކްޝަންސް ކޮމިޝަންގެ މަސައްކަތަށް "ފުލުހުން ހުރަސް އެޅުމުން" ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އިލެކްޝަންސް ކޮމިޝަނަށް ފުލުހުން އެއްބާރުލުން ނުދިނީ، ސުޕްރީމް ކޯޓުގެ ހުކުމާ ހިލާފަށް ވޯޓާސް ލިސްޓްގައި ކެންޑިޑޭޓުންގެ ސޮއި ނެތި އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރުމުން ކަމަށެވެ. މިއަދު ހެނދު ފުލުހުން ބޭއްވި ނޫސްކޮންފަރެއްސެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ސުޕްރީމް ކޯޓުގެ ގައިޑްލައިންގައިވާ ގޮތަށް ވޯޓާސް ލިސްޓުގައި ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ސޮއި ނުކުރަނީސް އިންތިހާބަށް ފުލުހުންގެ އެއްބާރުލުން ދިނުމަށް އުޒުރުވެރިވާ ކަމަށް އިލެކްޝަންސް ކޮމިޝަނަށް އެންގި ކަމަށެވެ.

ސެޕްޓެމްބަރުގައި ހަތެއްގައި ބޭއްވި ރިޔާސީ އިންތިހާބު ބާތިލު ކުރި ސުޕްރީމް ކޯޓުގެ ހުކުމުގެ ގައިޑްލައިންގެ ފަސް ވަނަ ނަމްބަރުގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ފައިނަލް ވޯޓާސް ލިސްޓު ސައްހަ ކަމަށް އެއްބަސްވާން ޖެހޭނެ އެވެ.

ނަވާޒު ވިދާޅުވީ މިއަދު ބާއްވަން އުޅުނު ރިޔާސީ އިންތިހާބަށް ފުލުހުންގެ އެއްބާރުލުމާއި އެހީތެރިކަން ދިނުން ހުއްޓާލަން ނިންމެވީ ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި ރައީސުލްޖުމްހޫރިއްޔާ އާއި ހޯމް މިނިސްޓަރާއި އެޓާނީ ޖެނަރަލްގެ ލަފާގެ މަތިން ކަމަށެވެ.