މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން މިޑްފީލްޑަރު އަދުނާން ޔަނޫޒާ ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް ފަސް އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްފި އެވެ.

ބެލްޖިއަމްއަށް އުފަން އުމުރުން 18 އަހަރުގެ ހުނަރުވެރި މިޑްފީލްޑަރު ޔުނައިޓެޑާއެކު ކުރިން ވެފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. އޭގެ މާނައަކީ ޔުނައިޓެޑާއެކު އެއްބަސް ވުމަކަށް ނާދެވުނު ނަމަ ހިލޭ ޓްރާންސްފާއެއްގެ ދަށުން އެހެން ކްލަބަކަށް ދިއުމުގެ ފުރުސަތު ޔަނޫޒާއަށް ލިބޭނެ އެވެ.

މި ސީޒަންގައި ޔުނައިޓެޑަށް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޔަނޫޒާއަށް ޔޫރަޕްގެ ބޮޑެތި ކްލަބް ތަކުން ފާރަލަމުންދާއިރު އޭނާގެ އޭޖެންޓް ކުރިން ބުނެފައިވަނީ ޔުނައިޓެޑުން ރަނގަޅު ހުށަހެޅުމެއް ނުދީފި ނަމަ އެ ކްލަބާ އެކު އާ ކޮންޓްރެކްޓެއްގައި ސޮއި ނުކުރާނޭ ކަމަށެވެ.

ކޮންޓްރެކްޓް އާކުރުމަށްފަހު ޔަނޫޒާ ބުނީ އޭނާ އަބަދުވެސް ދެކެމުން އަންނަނީ ޔުނައިޓެޑަކީ އޭނާއަށް އެންމެ ރަނގަޅު ކްލަބް ކަމަށާއި އަދި ކްލަބުން އިތުރު ފުރުސަތެއް ލިބުމުން ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ.

"ޔުނައިޓެޑަށް އިތުރު ފަސް އަހަރު ކުޅެން ލިބުން މިއީ އަހަންނަށް ލިބުނު ވަރަށް ބޮޑު ފަހުރެއް،" ޔަނޫޒާ ބުންޏެވެ. "މި ކްލަބާ ގުޅުނުފަހުން އަހަންނަށް އަބަދުވެސް އިހްސާސް ކުރެވޭ މިއީކަން އަހަންނަށް އެންމެ ރަނގަޅު ކްލަބަކީ."

ޕްރެމިއާ ލީގުގެ ޗެމްޕިއަން ޓީމަށް ޔަނޫޒާ ކުޅުނު ފުރަތަމަ މެޗުގައިވެސް އޭނާ ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އެއީ މިމަހުގެ ފަސްވަނަ ދުވަހު ސަންޑަލޭންޑް އަތުން 2-1 އިން ޔުނައިޓެޑް މޮޅުވި މެޗުގަ އެވެ.

"އޭނާއަކީ އާދަޔާ ހިލާފު ހުނަރު ލިބިފައިވާ މޮޅު ކުޅުންތެރިއެއް،" ޔަނޫޒާއާ ބެހޭގޮތުން ޔުނައިޓެޑްގެ ކޯޗް ޑޭވިޑް މޮއެސް ބުންޏެވެ. "ކުޅުންތެރިން ކައިރިން ނައްޓާލުމާއި ބޯޅަ ގެންގުޅުމުގައި އޭނާއަށް ލިބިފައިވާ ހުނަރު އެ އުމުރުގެ އެހެން ކުޅުންތެރިންނާ އަޅާ ބަލާފައި ވަރަށް ތަފާތު."

އިނގިރޭސި ކޮމިއުނިޓީ ޝީލްޑްގައި މި އަހަރުގެ އޯގަސްޓް މަހު ވިގަންއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ޔަނޫޒާވަނީ ހައިރާންކުރުވަނިވި މޮޅު ކުޅުމެއް ދައްކާފަ އެވެ.