19 Oct 2013, 15:17
އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބު ބާއްވަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙަންމަދު ވަޙީދު އެދިވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންތިޚާބު ނުބޭއްވި ލަސްވަމުންދާތީ އެކަމާ އެ މަނިކުފާނު ވަރަށް ކަންބޮޑުވެވަޑައިގަންނަވާތީ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ވަނީ، ހުރިހާ ކެންޑިޑޭޓުން ވެސް ބައިވެރިވާ، މިނިވަން، ސުލްހަވެރި އިންތިޚާބެއް ބޭއްވުމަށް ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.
މި މަހުގެ 26 ވާ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ޓަކައި، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުރިހާ ކެންޑިޑޭޓުންނާ މަޝްވަރާ ކުރައްވައި، އިންތިޚާބު ބޭއްވޭނެ ގޮތެއް ހޯއްދަވައި ދެއްވުމަށް މި ފުރުޞަތުގައި، އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވަ އެވެ. އަދި އިންތިޚާބުގައި ވާދަކުރައްވާ ތިން ކެންޑިޑޭޓުންނާއި އެބޭފުޅުން ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީތަކުން ވެސް، އިންތިޚާބާ ގުޅިގެން ޚިލާފު އުފެދިފައިވާ ކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވަ އެވެ.