ރިޔާސީ އިންތިޚާބު ފަސް ކުރަން ބޭނުންނުވާ ކަމަށާއި ސައްޚަ އިންތިހާބެއް ބާއްވަންޏާ މިހާރުވެސް އިންތިޚާބާ ކުރިމަތިލާން ތައްޔާރުކަމަށް ޕީޕީއެމުން ބުނެފި އެވެ.

މިއަދު ނަސަންދުރަ ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ އަންހެއަނުން ގޮފީގެ ރައީސާ އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވީ އިންތިޚާބު ފަސް ކުރަންޖެހުނީ ސައްޚަ އިންތިހާބެއް ބޭއްވުމުގެ މަގުސަދުގައި ކަމަށެވެ.

ދުންޔާ ވިދާޅުވީ ވޯޓާސް ލިސްޓްގައި އެތަކެއް މައްސަލަ އެބަހުރި ކަމަށާއި އެކަންކަމަށް އިޖާބަދީ އެ މައްސަލަތައް އިލެކްޝަންސް ކޮމިޝަނަށް ހައްލު ކުރެވެން ޖެހޭނެ ކަމަށެވެ. އެމައްސަލަތައް ހައްލުކޮށްގެން ނޫނީ ސައްޚަ އިންތިހާބެއް ނުބޭއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގަ އެތަށް ގިނަގުނަ މައްސަލަތަކެއް ފާހަގަވަމުންދޭ. އެހެންކަމުން ޕީޕީއެމް އިން ތަކުރާރުކޮށް އެތަށް ކަމެއް ހުށަހަޅާފައިވޭ. މިކަންކަމަށް އިޖާބަދެއްވުން ވަރަށް މުހިންމު. އޭގެތެރޭގައި ފިންގަ ޕްރިންޓް ވެރިފިކޭޝަން ވެސް ހިމެނޭ. މިކަމަކީ މާ ގިނަ ވަގުތުތަކެއް ނަގާ ކަމެއްވެސް ނޫން،" ދުންޔާ ވިދާޅުވި އެވެ.

ނޫސްވެރީންނާ ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިންތިހާބު ފަސް ކުރީ ޕީޕީއެމާއި ޖުމްހޫރީޕާޓީން ކަމަށް ބުނެ ބައެއް ފާރަތްތަކުން ދޮގު ތުހުމަތު އެ ދެ ޕާޓީގެ ބޮލުގައި އަޅުވަމުންދާ ކަމަށެވެ. ޕީޕީއެމުން މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ހާމަކަން ބޮޑު ސައްޚަ އިންތިހާބެއް ގެނެސްދޭން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުސްތަގިއްލު މުއްސަސާއެއް ނޫން ކަމަށާއި އެއީ "އެމްޑީޕީ އާއި އެއްކޮށް ކޯލިޝަން ހަދައިގެން މަސައްކަތް ކުރާ ސިޔާސީ ޕާޓީއެއް" ކަމަށެވެ.