19 Oct 2013, 14:52
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު މިއަދު ބޭއްވިފައި ނުވާތީ އެމްޑީޕީގެ ފަރާތުން އިހްތިޖާޖު ކުރަން ފަށައިފި އެވެ.
އެމްޑީޕީގެ އިހްތިޖާޖުތައް ފަށާފައި ވަނީ މިއަދު 2:30 އެހައިކަންހާއިރު މާލޭ ސިޓީ ކައުންސިލް އިދާރާ ކުރިމަތީގަ އެވެ. އަދި މިހާރު ޗާންދަނީ މަގުން ފެށިގެން ސޯސަންމަގާ ހަމައަށް މުޒާހަރާގެ ބައިވެރިން ވަނީ މަގުތައް ބަންދުކޮށްފަ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާއި މާލޭ ސިޓީގެ މޭޔަރު މައިޒާން އަލި މަނިކުގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އިހްތިޖާޖުގައި ބައިވެރިވަމުން އެބަދެ އެވެ. އަދި ރިޔާސީ އިންތިހާބު ބާއްވައި ނުވާތީ އެމްޑީޕީން ބާއްވަން ނިންމަފައިވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ނޫސްވެރިންނަށް ވިދާޅުވީ އެމްޑީޕީން އެ ގޮތަށް ނިންމާފައި ވަނީ ރައްޔިތުން ބޭނުންވާ ގޮތް ބެލުމަށް ކަމަށެވެ. އަދި އެމްޑީޕީން އެގޮތަށް މަސައްކަތް ކުރުމުން ދިމާވެފައިވާ މައްސަލަ އަށް ހައްލެއް ލިބިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހާމީދު ވިދާޅުވީ އެމްޑީޕީން މިހާރު ފަށާފައިވާ އިހުތިޖާޖު ކުރިއަށް ދާނީ ސުލްހަވެރިކަމާ އެކުގައި ކަމަށާއި އަދި އިންތިހާބު ބޭއްވޭނެކަން ކަށަވަރު ނުވަނީސް އިހުތިޖާޖުގައި ދެމިތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސޯސަންމަގުގައި ހުންނަވައިގެން މުޒާހަރާގެ ބައިވެރިންނާއި މުހާތަބް ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާން ގަބޫލުފުޅު ކުރައްވާ ގޮތުގައި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގެން ޖެހޭނެ ކަމަށާއި މިހާރު އެމްޑީޕީން ކުރަމުންދާ އިހުތިޖާޖަކީ ސުލްހަވެރި ކަމާއި އެކުގައި ކުރިއަށް ގެންދާ ސިޔާސީ ހަރަކާތެއް ކަމަށެވެ.
އެމަނިކުފާން ވިދާޅުވީ މިހާރު އެމްޑީޕީން ކުރަމުންދާ އިހްތިޖާޖު ކުރިއަށް ދާނީ "ދެޓް މޭން ދެޓް މޭން" އުސޫލުން ކަމަށެވެ.