19 Oct 2013, 14:08
އަންނަ އަހަރު ބްރެޒިލްގައި ބާއްވާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް، އިންގްލެންޑް ޓީމަށް ކާމިޔާބު ކުރެވިދާނޭ ކަމަށް އެޓީމުގެ ކުރީގެ މިޑްފީލްޑަރު ޖޯ ކޯލް ބުނެފި އެވެ.
އިންގްލެންޑް ޓީމުގެ ކޯޗު ރޯއީ ހޮގްސަން، އޭނާގެ ޓީމަށް ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު ކުޑަކަމަށް ބުނެފައިވީ ނަމަވެސް ގައުމީ ޓީމަށް 56 މެޗު ކުޅެފައިވާ އަދި ކުރިން ޗެލްސީއާއި ލިވަޕޫލްއަށް ކުޅުނު މިހާރު އުމުރުން 31 އަހަރުގެ ކޯލް ބުނީ، އިނގިރޭސި ވިލާތުގެ ގައުމީ ޓީމުގައި މިހާރު ތިބި ޒުވާން ހުނަރުވެރި ކުޅުންތެރިންނާ އެކު އެޓީމަށް ބްރެޒިލްގައި ކާމިޔާބު ހޯދޭނޭ ކަމާމެދު އޭނާ ޝައްކު ނުކުރާ ކަމަށެވެ.
"އަހަންނަށް އެނގޭ ޓީމު ތަކުގެ ކޯޗުން އަބަދުވެސް ވާހަކަ ދައްކާނީ، އެމީހުންނަށް ފެންނަ އެންމެ ރަނގަޅު ގޮތަކަށް. އެކަމަކު އަހަރެން ހައިރާންވާ ފަދަ ޓީމެއް މިހާރު މިއޮތީ. މިގައުމުގެ ކުޅުންތެރިންގެ ކިބައިގައި ހުނަރު އެބަހުރި،" ކޯލް ބުންޏެވެ.
އެންމެ ފަހުން ބޭއްވުނު ތިން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވެސް އިންގްލެންޑް ޓީމަށް ކުޅުނު ކޯލް އަކީ އިނގިރޭސި ޓީމުގެ "ގޯލްޑަން ޖެނެރޭޝަން"އޭ ކިޔާ ކުޅުންތެރިން ކަމަށްވާ، މިހާރުގެ ކެޕްޓަން ސްޓީވަން ޖެރާޑް އާއި، ފްރޭންކް ލަމްޕާޑް އަދި ޑޭވިޑް ބެކަމްއާއި ޕޯލްސް ސްކޯލްސް ފަދަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.
އެހެން ނަމަވެސް އިނގިރޭސި "ރަން ޖީލު"ގެ ކުޅުންތެރިން ހިމެނުނު ޓީމަށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް އަށް ވުރެ ދުރަށް ދެވިފައި ނުވާއިރު ކޯލް ބުނީ، މި ޖީލުގެ ކުޅުންތެރިންނަށް ކުރިން އޮތް ޕްރެޝަރު ނޯންނާނޭ ކަމަށެވެ.
"އެންޑްރޮސް ޓަވްންސެންޑް އަކީ ހުނަރު ހުރި ކުޅުންތެރިއެއް އަދި ޑެނީލް ސްޓްރިޖްއަކީ މިވަގުތު ގައުމުގައި ހުރި އެންމެ މޮޅު އެއް ފޯވާޑް. އެހެންވީމާ އަހަރެމެން ޕޮޒިޓިވްކޮށް ނުވިސްނަންވީ އެއްވެސް ސަބަބެއް ނެތް،" މިހާރު ވެސްޓްހޭމްއަށް ކުޅޭ ތަޖުރިބާކާރު މިޑްފީލްޑަރު ބުންޏެވެ. "އެ ދެ ކުޅުންތެރިންގެ އިތުރުން ރަހީމް ސްޓާލިންގް، ރޭވަލް މޮރިސަން އަދި ރޮސް ބާކްލޭ ފަދަ މޮޅެތި ކުޅުންތެރިން ޓީމުގައި އެބަތިބި. މި ކުދިން ބްރެޒިލްއަށް ދާނީ އުންމީދުތަކެއް ނެތިއެއް ނޫން."
އެންމެ ފަހުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރުން ކެޓި އިންގްލެންޑް ޓީމަށް 2002 ވަނަ އަހަރާއި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ދެވުނީ ކުއާޓާ ފައިނަލްއާ ހަމައަށެވެ.
ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގައި މިހާރު 10 ވަނައިގައި އޮތް އިންގްލެންޑް މިއަހަރުގެ ކުރީ ކޮޅު ރޭންކިން ލިސްޓުގެ 17 ވަނައަށް ވެސް ވެއްޓުނެވެ. މިއީ އެޓީމު ދުނިޔޭގެ ރޭންކިންގައި ވޭތުވެދިޔަ 12 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެންމެ ދަށަށް ވެއްޓުނު ފަހަރެވެ.