19 Oct 2013, 13:20
ބްރެޒިލް 2014 އިން ޖާގަ ކަށަވަރުކޮށްފައިވާ ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޔޯކިމް ލޯވްގެ ކޮންޓްރެކްޓް އާކޮށްފި އެވެ.
ޖަރުމަނުގެ ކުރީގެ ކޯޗު ޔާގެން ކްލިންސް މަންގެ އެސިސްޓެންޓް ކޯޗަކަށް ހުރި ލޯވް އެޓީމުގެ ކޯޗުކަމަށް ހަމަޖެއްސީ 2006 ވަނަ އަހަރު އެވެ. އަދި އޭނާގެ ކޮންޓްރެކްޓް ހަމަވާނީ 2014 ވަނަ އަހަރުގެ ނިޔަލަށެވެ. އެހެން ނަމަވެސް ޖަރުމަނުގެ ފުޓްބޯޅައިގެ އިދާރާއިން ވަނީ 2016 ވަނަ އަހަރުގެ ނިޔަލަށް ލޯވްގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކޮށްފަ އެވެ.
ޖަރުމަނުގެ ފުޓުބޯޅަ އިދާރާ އިން ވަނީ ލޯވްއާ އެކު މަސައްކަތްކުރި ޓީމު ޖެނެރަލް މެޖޭނަރު އޮލިވާ ބިއަހޯފް އާއި ގޯލްކީޕަރުގެ ކޯޗު އަންދުރޭސް ކޯޕްކޭގެ ކޮންޓްރެކްޓް ވެސް ދެ އަހަރު ދުވަހުގެ މުއްދަތަށް އާކޮށްފަ އެވެ.
ލޯވް ބުނީ އޭނާގެ ކޯޗު ކަމުގައި ޓީމު ކުރިއަރަމުން އަންނަ ގޮތާ ދޭތެރޭގައި ހިތްހަމަ ޖެހޭ ކަމަށާއި އަދި ޓީމުގެ ކުޅުންތެރިންނާއި އެހެނިހެން އޮފިޝަލުންނާއެކު މަސައްކަތްކުރަމުން އަންނަނީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިގެން ކަމަށެވެ.
"އަހަރެން މި ޓީމާއި އަދި ކޯޗުންނާއެކު މަސައްކަތް ކުރަމުން މިއަންނަނީ ވަރަށް ހިތްހަމަޖެހިގެން. އަދި ޓީމު ކުރިއެރުވުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން މިއަންނަނީ،" ލޯވް ބުންޏެވެ. "އަހަރެމެން އެންމެން ގުޅިގެން ހާސިލް ކުރަން ބޭނުންވާ ލަނޑު ދަނޑިއަށް އަދި ވާސިލްވާން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި."
ލޯވްގެ ކޯޗު ކަމުގައި ޖަރުމަންޓީމު ވަނީ، 2008 ވަނަ އަހަރުގެ ޔޫރޯ ފައިނަލްގައި ސްޕެއިން އަތުން ބަލިވެފަ އެވެ. އަދި ހަމަ ސްޕެއިން އަތުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލްގައި ޖަރުމަނު ވަނީ ބަލިވެފަ އެވެ. އޭގެ އިތުރުން ޔޫރޯ 2012ގެ ސެމީފައިނަލްގައި އިޓަލީ އަތުން ވެސް ޖަރުމަނު ވަނީ ބަލިވެފަ އެވެ.
ލޯވްގެ ކޮންޓްރެކްޓް އާކުރުމުން އޭނާ ވެގެންދާނީ ޖަރުމަނުގެ ކޯޗު ކަމުގައި 14 އަހަރު ހޭދަކުރި ކުރީގެ ކޯޗު ހެލްމަޓް ޝޯންއަށް ފަހު އެޓީމުގެ ކޯޗު ކަމުގައި ދެން އެންމެ ގިނަދުވަސް ހޭދަކުރާ ކޯޗު ކަމުގަ އެވެ.
ލޯވްގެ ކޯޗު ކަމުގައި ޖަރުމަނު ޓީމް 99 މެޗު މިހާތަނަށް ކުޅެފައިވާއިރު އޭގެތެރެއިން 68 މެޗުން ވަނީ މޮޅުވެފަ އެވެ. އަދި 16 މެޗު އެއްވަރު ވެފައިވާއިރު އެޓީމު ބަލިވެފައިވަނީ 15 މެޗުންނެވެ.