19 Oct 2013, 12:56
ފުލުހުންގެ ގާނޫނުގެ ރޫހާއި މަގުސަދާއި ހިލާފަށް ގާނޫނީ އިމުގެ ބޭރުން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ، އެ މައްސަލަ ބަލައިދިނުމަށް އިލެކްޝަން ކޮމިޝަނުން ފުލުހުންނާއި ގުޅޭ ހުރިހާ މުއައްސަސާތަކަށް ގޮވާލައިފި އެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގައި ބޭނުންކުރަމުންދާ ވޯޓު ކަރުދާސް އެއްތަނުން އަނެއްތަނެއް ގެންދިއުމުގައި ސަލާމަތީ ހިދުމަތްތަކާއި ގުޅިގެން އެތަކެތި ރައްކާތެރި ކުރުމަށް މި ކޮމިޝަނުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އަދި އެކަން އެބޭފުޅުންގެ އެހީތެރިކަމާއި އެކީގައި އެކަން ކުރަމުންދަނިކޮށް، ކުއްލި ގޮތަކަށް ފުލުހުން އެ އެއްބާރުލުން ދިނުން ހުއްޓާލާފައިވާ ކަމަށާއި އެކަމަކީ ގާނޫނާއި ހިލާފަށް ކުރި ކަމެއް ކަމުން އެކަމަށް ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ.
"ފުލުހުންގެ ގާނޫނުން ފުލުހުންނަށް ލިބިފައިވާ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ފުލުހުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި ފުލުހުންގެ ގާނޫނުގެ ރޫހާއި މަގުސަދާއި ހިލާފަށް ގާނޫނީ އިމުގެ ބޭރުން އަމަލުކޮށްފައިވާތީ ފުލުހުންގެ މައްޗަށް ފާރަވެރިވުމަށް ގާނޫނު ލާޒިމުކުރާ އެންމެހައި މުއައްސަސާތަކަށް ގޮވާލަން،" އެ ކޮމިޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އިންތިހާބު ބޭއްވުމަށް ހުރަސްއެޅި އެޅުން އެއީ ދައުލަތަށްވެސް ލިބުނު ބޮޑު ގެއްލުމަކަށް ވިދާޅުވަމުން އެބަޔާނުގައި އިތުރަށް ބުނެފައިވަނީ އިލެކްޝަން ކޮމިޝަނަކީ ގާނޫނު އަސާސީން ބާރުލިބިގެން އުފެދިފައިވާ މިނިވަން މުސްތަގިއްލު ކޮމިޝަނަކަށް ވީ ނަމަވެސް ފުލުހުންގެ އަމަލުތައް މިހާރު ހުރިގޮތުން އެކޮމިޝަނަށް މަތިކޮށްފައިވާ ވާޖިބުތައް މިނިވަންކަމާއިއެކު އަދާކުރުމަށް ހުރަސް އެޅިގެންދާ ކަމަށެވެ.