ރިޔާސީ އިންތިހާބު ހުއްޓުވުމުގައި ދިވެހި ފުލުހުންނަށް އެއްވެސް އިރުޝާދެއް ނުދޭ ކަމަށް ކޮމަންވެލްތު އޮބްޒާވާ ގްރޫޕުން ބުނެފި އެވެ.

ކޮމަންވެލްތުން ދާދި ދެންމެ ނެރުނު ބަޔާނުގައި ބުނީ ރިޔާސީ އިންތިހާބު ހުއްޓުވަން ދިވެހި ފުލުހުން އެޅި ފިޔަވަޅު އެޅުމުގެ އެއްވެސް މަރުހަލާއެއްގައި އެ ޖަމާއަތުން އެއްވެސް އިރުޝާދެއް ދީފައި ނުވާ ކަމަށެވެ.

"އޮކްޓޯބަރު 19 ވަނަ ދުވަހު ބާއްވަން އޮތް ރިޔާސީ އިންތިހާބު އޮތަ ނުދޭން މޯލްޑިވްސް ޕޮލިސް ސާވިސުން އެޅި ފިޔަވަޅުގެ އެއްވެސް މަރުހަލާއެއްގައި ކޮމަން ވެލްތު އޮބްޒާވާ ގްރޫޕުން އަދި ގްރޫޕުގެ މެމްބަރަކު ވެސް އިރުޝާދު ދީފައެއް ނުވާނެ ކަން ސާފުކޮށްދޭން އޮބްޒާވާ ގްރޫޕުން ބޭނުންވެ އެވެ،" ކޮމަންވެލްތުގެ ބަޔާނުގައިވެ އެވެ.

ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ
ކޮމަންވެލްތުގެ ފަރާތުން އެޑުވައިޒަރަކު ފުލުހުންނަށް ކަނޑައަޅާފައިވާ ކަމަށާއި ފުލުހުން އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުން ނުދިނުމާ ގުޅޭ ގޮތުން ކޮމަންވެލްތާ މަޝްވާރާ ކުރި ކަމަށް ނަވާޒު ވިދާޅުވި އެވެ. ނަމަވެސް ކޮމަންވެލްތުގެ ފަރާތުން ލަފައެއް ނުވަތަ އިރުޝާދެއް ވެސް ދީފައިވާ ކަމެއް ނަވާޒު ވިދާޅެއް ނުވެ އެވެ.

"ކޮމަންވެލްތުގެ ފަރާތުން ވެސް އެޑުވައިޒަރަކު މިވަނީ ފުލުހުންނަށް ކަނޑައަޅައި ދެއްވާފައި. އެފަރާތާ ވެސް މި އިޝޫސްއާ ގުޅިގެން މަޝްވަރާ ކުރެވިފައި ވަނީ،" ނަވާޒު މިއަދު ހެނދުނު ވިދާޅުވެފައިވެ އެވެ.

ކޮމަންވެލްތުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެފަދަ ގޮތަކަށް އިރުޝާދު ދިނުން ވާނީ މިމަހުގެ 17 ވަނަ ދުވަހު ނެރުނު ބަޔާނާ ހިލާފު ކަމަކަށް ކަމަށެވެ. މިމަހުގެ 17 ވަނަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުން ގެންދާ ރިޔާސީ އިންތިޚާބަކީ ހުރިހާ ފަރާތްތަކަށް ވެސް ގަބޫލު ކުރެވޭ އަދި އަމާންކާމާ އެކީ ކުރިއަށް ގެންދެވޭ އިންތިޚާބެއް ކަމުގައި ހެދުމަށް ކޮމަންވެލްތުން އިލްތިމާސް ކުރާ ކަމަށެވެ.

ރާއްޖޭގައި ތިބި ކޮމަން ވެލްތު އޮބްޒާވާ ގްރޫޕްގެ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މޯލްޓާގެ ކުރީގެ ބޮޑުވަޒީރު ޑރ. ލޯރެންސް ގޮންޒީ ވިދާޅުވި ކަމަށް އެބަޔާނުގައި ވަނީ "އޮކްޓޯބަރު 19 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއްކަން ކަށަވަރުކުރުމަށް ހުރިހާ ފަރާތެއްގެ ކިބައިން އެދިވަޑައިގަންނަވާ" ކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަން ރާއްޖޭގެ ރައީސަކު ހޮވުމަށް އޮކްޓޯބަރ 19 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަކީ ގަބޫލު ކުރެވޭ ފަދަ، އަމާން ކަމާއެކީ ކުރިއަށް ގެންދެވޭ އިންތިޚާބަކަށް ހެދުމަށް އެންމެހާ ދިވެހިންގެ އެއްބާރުލުން ދޭނޭކަމަށް. އަދި ހުރިހާ ދިވެހިންނަށް ވެސް އެބައިމީހުންގެ ރައީސަކު ހޮވުމުގައި ލިބިދޭން ޖެހޭ ހުރިހާ އަސީސީ ހައްގުތަކެއް ލިއްބައިދޭނޭ ކަމަށް،" ޑރ. ލޯރެންސް އޭރު ވިދާޅުވެފައި އެވެ.