29 Nov 2010, 12:48
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނިމެންދެން، އިންތިހާބާ ގުޅޭ އެންމެހާ ކަންތައްތަކުގައި އިލެކްޝަންސް ކޮމިޝަނުން މުއާމަލާތްކުރާނީ އިންތިހާބު ބާއްވާ ދާއިރާއަކަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ކަނޑައަޅައިފައި ހުންނަވާ ޒިންމާދާރު އިސްވެރިޔާ އާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
ސަރުކާރުން ދެކޮޅުހަދަމުންދިޔަ ނަމަވެސް، އިންތިހާބު ބާއްވައި ނިމެންދެން، އިންތިހާބު ބާއްވާ ކޮންމެ ދާއިރާއެއްގެ އެންމެ އިސްވެރިޔަކަށް ހުންނަން ވާނީ ސިވިލް ސާވިސްގެ މުވައްޒަފެއް ކަމަށް ސީއެސްސީން ބުނާ ބުނުމަށް ތާއީދުކޮށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އިއުލާނެއް ނެރެފަ އެވެ.
އެ އިއުލާނުގައި ބުނަނީ "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޤާނޫނުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެ އިންތިހާބު އިއުލާން ކުރާ ދުވަހުން ފެށިގެން އެ އިންތިހާބެއް ނިމެންދެން އެ އިންތިހާބެއް ނިސްބަތްވާ ކައުންސިލެއްގެ އިހްތިސާސްގެ ދާއިރާގެ ތެރޭގައި އެންމެ އިސްވެރިޔެއްގެ ގޮތުގައި ހުންނާނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ މުވައްޒަފެއް ކަމުގައިވާތީ އިލެކްޝަންސް ކޮމިޝަނުން އެގޮތަށް އަމަލު ކުރަމުންދާ ވާހަކަ ދަންނަވާ،" ކަމަށެވެ.
އަދި އެހެންކަމުން، އިންތިހާބުގެ އެންމެހާ ކަންކަމުގައި މުއާމަލާތް ކުރަމުން ގެންދަންވީ ޒިންމާދާރު އިސްވެރިންނާ ކަމަށް އަތޮޅުތަކުގެ އިލެކްޝަންސް ކޮމިޓީތަކަށް މިހާރު އަންގާފައިވާނެ ކަމަށާއި އެކޮމިޓީތަކުން ރަށު އިންތިހާބީ ކޮމިޓީތަކަށް އެކަން އަންގާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.
"..އިލެކްޝަންސް ކޮމިޓީތަކުން އިންތިހާބާ ބެހޭ ކަންކަމުގައި ހުރިހާ މުއާމަލާތެއް ކުރާނީ އެ ދާއިރާއަކަށް ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާފައިވާ ޒިންމާދާރު ވެރިޔާ އާ ކަމުގަ އާއި، އަދި މިކަންމި ގޮތަށް ކުރުމަށް ރަށްރަށުގައި ގާއިމްކޮށްފައިވާ ހުރިހާ އިލެކްޝަންސް ކޮމިޓީތަކަށް އަންގައިދެއްވުން އެދި އަތޮޅު އިލެކްޝަންސް ކޮމިޓީތަކަށް އަންގާފައިވާނެ،" އިއުލާނުގައި ބުނެފައިވެ އެވެ.
އިންތިހާބު ބާއްވާ ދާއިރާގެ އިސްވެރިޔަކަށް ހުންނާނީ ސިވިލް ސާވަންޓެއް ކަމަށް ބުނެ ސީއެސްސީއާއި އިލެކްޝަންސް ކޮމިޝަނުން އެއް ގަލަކަށް އަރާފައިވީ ނަމަވެސް، ސީއެސްސީގެ ނިންމުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ އެވެ.
ލޯކަލް އިންތިހާބު ނިމެންދެން އެ ދާއިރާއެއް ހިމެނޭ ރަށު އޮފީހުގެ އިސް ވެރިއަކީ އެ އޮފީހެއްގެ ކައުންސިލަރު އަދި އަތޮޅު އޮފީހުގެ އިސް ވެރިއަކީ އަތޮޅު ކައުންސިލަރު ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު މުހައްމަދު ޝިހާބު ސޮއިކުރައްވައި ރަށްރަށުގެ އޮފީސްތަކަށާއި އަތޮޅު އޮފީސްތަކަށް މި މަހު ކުރީކޮޅު ވަނީ ސިޓީ ފޮނުވައިފަ އެވެ.
އެހެންނަމަވެސް، އެކަމަށް ރައްދު ދެއްވައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވަނީ، ސިޔާސީ ބޭފުޅުން ކަމަށްވާ ކައުންސިލަރުން ތިއްބަވައިގެން ލޯކަލް ކައުންސިލްގެ އިންތިޚާބު ބާއްވަން ޖާގަ ނުދެއްވާނެ ކަމުގެ އިންޒާރު ކުރިން ވެސް ސަރުކާރަށް ދެއްވައިފަ އެވެ. އަދި އޭނާ ވިދާޅުވެފައި ވަނީ އެ ގޮތަށް އެކަން ކުރައްވަން ޖެހިއްޖެ ނަމަ އިސްތިއުފާ ދެއްވުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.