ދުނިޔޭގެ ފުޓްބޯޅައިގައި މިހާރު އެންމެ މޮޅުކުޅުންތެރިން ނަކީ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ނޭމާ އަދި މާރިއޯ ބަލޮޓެލީ ކަމަށް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ކުރީގެ ގައުމީ ޓީމުގެ ކެޕްޓަން ޑިއެގޯ މަރަޑޯނާ ބުނެފި އެވެ.

އިޓަލީގެ ގެޒެއްޓާ ޑެލޯ ސްޕޯޓްސް އިން މަރަޑޯނާއަށް ލިބުނު އެވޯޑެއް ބަލައި ރޯމަށް ކުރި ދަތުރުގައި ނޫސްވެރިނާ ބައްދަލުކޮށް މަރަޑޯނާ ބުނީ، ދުނިޔޭގެ ފުޓްބޯޅަ މިހާރު ވަރަށް ކުރިއަރައިފި ކަމަށާއި ހަމައެއާ އެކު މޮޅު ފުޓްބޯޅަ ކުޅުންތެރިންތަކެއް މިހާރު ދުނިއޭގައި އެބަތިބި ކަމަށެވެ.

"އަހަރެންނަށް ފާހަގަ ކުރެވޭ މޮޅު ހަތަރު ކުޅުންތެރިއަކު އެބަތިބި. އަހަރެން އެއްވަނަ ދޭނީ މެސީ އަށް. ދެން ރޮނާލްޑޯ. އޭގެ ފަހުން ނޭމާ އާއި ބަލޮޓެލީއަށް. ރޮނާލްޑޯ އާއި މެސީގެ ތަފާތު ވަރަށް ބޮޑު. އެ ދެކުޅުންތެރިން ބޯޅަ ގެންގުޅޭގޮތް ފާހަގަކުރަން." މަރަޑޯނާ ބުންޏެވެ.

އުމުރުން 52 އަހަރުގެ މަރަޑޯނާ ބުނީ، އޭނަ މިހާރު އެންމެ ކުރާ ހިތްވާ ކަމަކީ ކޮންމެ ވެސް ކުލަބަކަށް ކޯޗް ކަން ކޮށްދިނުން ކަމަށާއި އެހެން ނަމަވެސް އޭނާ ދާން ބޭނުންވާ އެއްވެސް ކުލަބަކުން އެޖާގަ ނުލިބެނީ އެކުލަބެއްގެ ވެރިން އޭނާ ދެކެ ބިރުގަންނާތީވެ ކަމަށެވެ.

"އަހަރެން ވަރަށް ބޭނުން ނަޕޯލީ ފަދަ ޓީމުތަކުގެ ކޯޗުގެ މަގާމް. އެކަމަކު ކޯޗުކަންދޭން އެއްވެސް ކްލަބެއްގެ ރައީސަކު ބޭނުންނުވެ. އެމީހުން އަހަރެންދެކެ ބިރުގަނޭ" މަރަޑޯނާ ބުންޏެވެ.

މަރަޑޯނާ ވަނީ ބްރެޒިލްގެ ކުރީގެ ތަރި ޕެލޭއާ އެކު ފީފާއިން ހޮވި 20 ވަނަ ގަރުނުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. އަދި އޭނާ ވަނީ ކުޅުން ހުއްޓާލުމަށް ފަހު އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކޮށްފަ އެވެ.

މަރަޑޯނާގެ ފުޓްބޯޅަ ކެރިއަރު ނިންމާލަން ޖެހުނީ އޭނާ އިޓަލީގައި ކުޅެން އުޅުނު ދުވަސްވަރު، މަސްތުވާ ތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކޭންއަށް ޕޮސިޓިވް ވުމުގެ ސަބަބުންނެވެ. އެގޮތުމް 1991 ވަނަ އަހަރު މަރަޑޯނާ ވަނީ، 15 މަސް ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ. އަދި އޭގެ ފަހުން 1994 ވަނަ އަހަރު އެމެރިކާގައި އޮތް ވޯލްޑް ކަޕުގައި މަސްތުވާތަކެތި ބޭނުން ކޮށްގެން އޭނާ ވަނީ އަނބުރައި ގައުމަށް ފޮނުވާލާފަ އެވެ.

މަރަޑޯނާ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް 91 މެޗު ކުޅެ 31 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފަ އެވެ. އަދި ކްލަބް ލެވެލްގައި އޭނާ ކުޅެފައިވާ ކްލަބްތަކުގެ ތެރޭގައި އާޖެންޓީނާގެ އާޖެންޓީނޯ ޖޫނިއާސް، ނެވެލްސް އޯލްޑް ބޯއީސް، ބޮކަ ޖޫނިއާސް، ސްޕެއިންގެ ބާސެލޯނާ، ސެވިއްޔާ، އިޓަލީގެ ނަޕޯލީ ހިމެނެ އެވެ.