19 Oct 2013, 12:26
އައިފޯނެއް ގަންނަންވެގެން ދެމަފިރިއަކަށް ލިބުނު ދަރިފުޅު ޗާނާގައި ވިއްކާލައިފި އެވެ.
ޗައިނާގެ ޒުވާން ދެމަފިރިން ކަމަށްވާ ޒަންގް އާއި ޓެންގް އެ މީހުންނަށް ލިބުނު އަންހެން ދަރިފުޅު ވިއްކާލާފައިވަނީ ވިހެއިތާ މަހެއް ވެސް ނުވަނީސް އެވެ. އަދި އެކަން ސިއްރު ކުރުމަށް ޒަންގް ވިހާފައި ވެސް ވަނީ އެމީހުންގެ ގޭގައި ކަމަށް ޑެއިލީ މެއިލުގައި ބުނެފައިވެ އެވެ.
އެނޫހުގައި ބުނެފައި ވަނީ އެދެމީހުން ދަރިފުޅު ވިއްކާލާފައި ވަނީ ޒަންގް ވިހެއުމުގެ ވެސް ކުރިން ނޫސް ޕޭޕަރުތަކުގައި އިސްތިހާރު ޖަހައިގެންނެވެ. އަދި ވިއްކާލާފައި ވަނީ 50000 ޔުއާން (5000 ޕައުންޑް) އަށް ކަމަށެވެ.
ނަމަވެސް އެމީހުންގެ ދަރިފުޅު ވިއްކާލާފައިވަނީ ފައިސާއަށް ނޫން ކަމަށާއި އެދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމުގެ ބޭނުމުގައި ކަމަށް އެމީހުން ބުނެފައިވެ އެވެ.
"ދަރިފުޅު ވިއްކާލީ ފައިސާއަކަށް ނޫން. އެކަމަކު އޭނައަށް ސަލާމަތާއި ރައްކާތެރިކަން ދޭން،" އިތުރު ދެދަރިން ލިބިފައިވާ އަދި ވަޒީފާއަށް ނުދާ ދެމީހުންނާއި ހަވާލާދީ ޝަންހާއީގެ ނޫސްތަކުގައި ބުނެފައިވެ އެވެ.
ނަމަވެސް ޝަންހާއި ޕޮލިހުން ބުނެފައި ވަނީ އެ ދެމީހުން އެހެން ބުނެފައިވީ ނަމަވެސް އެ ދެމީހުންގެ ބޭންކް ރިކޯޑުން އެ މީހުން ދަރިފުޅު ވިއްކާލާފައި ވަނީ ދަރިފުޅަށް ފައިދާއަކަށް ކަމަށް ފެންނަން ނެތް ކަމަށެވެ. އޭގެ ބަދަލުގައި ގިނަ ފައިސާ އިންޓަނެޓަށާއި އައިފޯން ގަތުމަށާއި އަގު ބޮޑެތި އެތަށް އެއްޗެއް ގަތުމުގައި އެމީހުން ހަރަދުކޮށްފައިވާކަން ފެންނަން އެބަހުރި ކަމަށެވެ.