މައްކާ (އޮގަސްޓް 19) : ވަދާއުގެ ތަވާފާއެކު ހައްޖުވެރިންގެ ގިނަބަޔަކު ހައްޖުގެ މަނާސިކު އިއްޔެ ނިޔަލަށް ނިންމާފައިވާ ކަމަށް ސައޫދީ އަރަބިޔާއިން ބުނެފިއެވެ.

ހައްޖުގެ ކަންތައްތައް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ ސައޫދީ މަސްއޫލުވެރިންނާ ޙަވާލާދީ އެގައުމުގެ ރަސްމީ ނޫސްއެޖެންސީ ޚަބަރުދޭގޮތުގައި ފާއިތުވި ތިންދުވަހުގެ ތެރޭގައި ހައްޖުވެރިންގެ ގިނަބަޔަކު ވަނީ ޖަމްރާތަކަށް ހިލައުކުމުގެ ކަންތައް ނިންމާލާފައެވެ. އަދި އެއަށްފަހު ތަވާފުލްވަދާޢު ގެ ކަންތައްވެސް ގިނަބަޔަކު ނިންމާފައިވާ ކަމަށާ ނަމަވެސް މިއަދުވެސް ތަވާފުލްވަދާއު ކުރުމުގެ ކަންތައް ބައެއް ހައްޖުވެރިން މިއަދުވެސް ކުރިޔަށް ގެންދާކަމަށް ސައޫދީ މަސްއޫލުވެރިން ވިދާޅުވިއެވެ.

ޙައްޖުގެ ކަންތައްތަކާބެހޭ ސައޫދީ ވުޒާރާއިންވަނީ ހައްޖުގެ މަނާސިކުތައް ނިންމާލުމުގައި އަވަސްވެ ނުގަތުމަށާއި އައްޔާމުއްތަޝްރީޤުގެ އެންމެފަހު ދުވަހާ ޖެހެންދެންވެސް މަނާސިކުތައް ކުރިޔަށް ގެންދިޔުމަށް ހައްޖުވެރިންނަށް އިލްތިމާސް ކޮށްފައެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް 1.8 މިލިޔަން މީހުން މައްކާއާއި މަދީނާގެ މުޤައްދަސް ބިންތަކަށް ޒިޔާރަތްކޮށްފައިވާއިރު މިއީ ފާއިތުވި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މުޤައްދަސް ބިންތަކަށް ޒިޔާރަތްކުރި ހައްޖުވެރިންގެ އަދަދަށްވުރެ 37.4 އިންސައްތަ މަދުއަދަދެއް ކަމަށްވެސް ސައޫދީ ސަރުކާރުން ހާމަކުރެއެވެ.

ހައްޖުވެރިންގެ އަދަދު މަދުވެފައިވަނީ ގެފުޅުގެ ޙަރަމްފުޅު ސަރަހައްދު ބޮޑު ކުރުމަށް ކުރިޔަށްދާ ކޮންސްޓްރަކްޝަން މަސައްކަތްތަކާއެކު ހައްޖުގެ ކޯޓާ ދަށްކުރުމަށް ސައޫދީ ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ކަމަށްވެސް ސައޫދީ ސަރުކާރުން ބުނެއެވެ. ޙަރަމްފުޅު ސަރަހައްދު ބޮޑު ކުރުމަށް ކުރިޔަށްދާ ކޮންސްޓްރަކްޝަން މަސައްކަތްތަކާއެކު ހައްޖުގެ ކޯޓާ ދަށްކުރުމަށް ސައޫދީ ސަރުކާރުން ނިންމާފައިވަނީ 20 އިންސައްތަ އަށް ނަމަވެސް ފާއިތުވި އަހަރާ އަޅާބަލާއިރު ހައްޖުވެރިންގެ ނިސްބަތް މިއަހަރުވަނީ 37.4 އިންސައްތަ އަށް ދަށްވެފައިކަން ސައޫދީ ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. (އަލްޖަޒީރާ)