19 Oct 2013, 12:02
ފުލުހުން ބަލަނީ އެއް ފަރުދެއްގެ މަސައްލަހަތައް ނުވަތަ ދެ ކެންޑިޑޭޓެއްގެ މައްސަލަހަތައް ނޫން ކަމަށާއި ފުލުހުން ބަލަނީ މުޅި ގައުމުގެ މަސައްލައް ކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވެއްޖެ އެވެ.
~
ނަވާޒު އެހެން ވިދާޅުވީ މިއަދު ބާއްވަން އުޅުނު ރިޔާސީ އިންތިހާބު ފުލުހުން ހުއްޓުވި މައްސަލާގައި އިސްކަންދަރު ބިލްޑިންގައި ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރިޔާސީ އިންތިހާބު ފުލުހުން ހުއްޓުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިންއާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާޙިމް ފައިނަލް ވޯޓާސް ލިސްޓުގައި ސޮއި ނުކުރައްވަނީސް އިންތިހާބު ބާއްވަން އުޅޭތީ އެވެ.
ސެޕްޓެމްބަރުގައި ހަތެއްގައި ބޭއްވި ރިޔާސީ އިންތިހާބު ބާތިލު ކުރި ސުޕްރީމް ކޯޓުގެ ހުކުމުގެ ގައިޑްލައިންގެ ފަސް ވަނަ ނަމްބަރުގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ފައިނަލް ވޯޓާސް ލިސްޓު ސައްހަ ކަމަށް އެއްބަސްވާން ޖެހޭނެ އެވެ.
ނަވާޒު މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ގައިޑްލައިންގައިވާ ގޮތަށް ވޯޓާސް ލިސްޓުގައި ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ސޮއިކޮށް ނުކުރަނީސް އިންތިހާބަށް ފުލުހުންގެ އެއްބާރުލުން ދިނުމަށް އުޒުރުވެރިވާ ކަމަށް އިލެކްޝަންސް ކޮމިޝަނަށް އެންގި ކަމަށެވެ.
ނަވާޒު ވިދާޅުވީ ސުޕްރީމް ކޯޓުގެ ގައިޑްލައިންގައިވާ 16 ކަންތައްތަކަށް ފުރިހަމައަށް އަމަލު ކުރުމަށްފަހުގައި ނޫނީ އިންތިހާބު ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް ފުލުހުން ދެކޭ ކަމަށާއި އެހެން ނޫންނަމަ ގައުމުގައި ހަމަނުޖެހުމަކާއި ކުށްތަކަށް "ގައިމު ވެސް ހިނގައިފާނެ" ކަމަށެވެ.
"އަޅުގަނޑުމެން ބަލަނީ ރައްޔިތުންގެ މަސްލަހަތު. އަޅުގަނޑުމެން ބަލަނީ އެއް ފަރުދެއްގެ މަސްލަހަތަކަށް ނޫން، އަޅުގަނޑުމެން ބަލަނީ ދެ ކެންޑިޑޭޓެއްގެ މަސްލަހަތަކަށް ނޫން. އަޅުގަނޑުމެން ބަލަނީ ގައުމުގެ މަސްލަހަތަށް. ދިމާވެދާނެ ހަމަނުޖެހުމަކަށް. ގައުމުގައި ދިމާވެދާނެ މާރާމާރީއަކަށް. ގައުމުގައި ދިމާވެދާނެ އެހެނިހެން ކުށްތަކަށް. މިއީ ގައިމު ވެސް ހިންގާނެ ކަންތައްތައް. މިއީ ކުރިން ވެސް ތިބޭފުޅުންނަށް ފެނިފައި ހުރި ކަންތައްތައް،" ނަވާޒު ވިދާޅުވި އެވެ.
ނަވާޒު ވިދާޅުވީ މިއަދު ބާއްވަން އުޅުނު ރިޔާސީ އިންތިހާބަށް ފުލުހުންގެ އެއްބާރުލުމާއި އެހީތެރިކަން ދިނުން ހުއްޓާލަން ނިންމެވީ ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި ރައީސުލްޖުމްހޫރިއްޔާ އާއި ހޯމް މިނިސްޓަރާއި އެޓާނީ ޖެނަރަލްގެ ލަފާގެ މަތިން ކަމަށެވެ.
ރިޔާސީ އިންތިހާބަށް އެއްބާރުލުން ނުދިނުމަށް ފުލުހުން ނެގި ސްޓޭންޑަކީ ފުލުހުންނަށް ސުޕްރީމް ކޯޓުގެ ހުކުމުގައި މެންޑޭޓުތަކެއް ދީފައިވާ ކަމަށް ގަބޫލުކޮށްގެން ނެގި ސްޓޭންޑެއް ކަމަށް ނަވާޒު ވިދާޅުވި އެވެ. ފައިނަލް ވޯޓާސް ލިސްޓުގައި ރިޔާސީ ކެންޑިޑޭޓުންގެ ފަރާތުން ސޮއި ނުކުރުމަކީ ފުލުހުން އޭގެ ތެރެއަށް ވަންނަން ޖެހޭނެ ކަމެއް ކަމަށް ނުދެކޭ ކަމަށާއި އެއީ އިލެކްޝަނާއި ސިޔާސީ ޕާޓީތައް ވާހަކަދައްކައިގެން ހައްލު ކުރަންޖެހޭނެ ކަމެއް ކަމަށް ނަވާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލު ކުރަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް ވެސް ސުޕްރީމް ކޯޓުން ނެރެފައިވާ ރޫލިންގައި އެބަ މެންޑޭޓް ކުރޭ ބައެއް ކަހަލަ ކަންތައްތައް. އެހެންވީމަ އެކަންތައްތަކަށް ބަލަން އެބަޖެހޭ. އެ ހުރިހާ ކަމަކަށް ރިޔާއަތް ކުރުމަށްފަހުގައި އަޅުގަނޑުމެން މި ދަންނަވަނީ މީގެއިން ނުކުމެދާނެ ބައެއް ކަހަލަ ކަންތައްތަކަކީ ހަގީގަތުގައި އަސްލުގައި ވަރަށް ބޮޑެތި ގެއްލުންތަކެއް އޭގެ ޒާތުގައި ފިއުޗާގައި ލިބިގެން ހިނގައިދާނެ ކަމަށް،" ނަވާޒު ވިދާޅުވި އެވެ.