ވޮޝިންޓަން (އޮގަސްޓް 19) : އދ. ގެ ސަލާމަތީ މަޖިލީހަކީ ދުނިޔޭގެ އަމްނާއި ސަލާމަތަށް ނުރައްކާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ގާބިލްކަން ލިބިފައިވާ މަޖިލީހެއް ނޫން ކަމަށާއި މިކަމުގައި އެމަޖިލީސް ނާކާމިޔާބުވެފައިވާ ކަމަށްބުނެ އެމަޖިލީހުގެ މެންބަރުކަން ގަބޫލުކުރުމަށް ސައޫދީ އަރަބިޔާ ދެކޮޅު ހެދުމުން އެކަމާމެދު ކަންބޮޑުނުވާ ކަމަށް އެމެރިކާ ބުނެފިއެވެ.

މިކަމާބެހޭގޮތުން ކުރެވުނު ސުވާލެއްގެ ޖަވާބުގައި އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާނާ ޖެނިފާ ބަސާކީ ވިދާޅުވީ އެއީ ސަޢޫދީ ސަރުކާރުގެ ސިޔާދީ (ސޮވެރިން) ނިންމުމެއް ކަމަށާ ސަލާމަތީ މަޖިލީހުގައި ބައިވެރިވުމާއި ނުވުމުގެ އިޚްތިޔާރު ކޮންމެ ގައުމަކަށްވެސް އޮތް ކަމުގައެވެ. ދުނިޔޭގެ އަމްނާއި ސުލްޙައަށް ނުރައްކާތެރިވާ މައްސަލަތައް ހައްލުކުރުމަކީ ސަލާމަތީ މަޖިލީހުގެ އެންމެ ބޮޑު އަދި އެންމެ އިސް މަސްއޫލިއްޔަތު ކަމަށްވާއިރު ފަލަސްތީނުގެ ބިންތައް އިސްރާއީލުން ގަދަބާރުން ހިފާފައިވާ މައްސަލައަކީ ބައިނަލްއަޤްވާމީ ސުލްޙަ ނުރައްކަލުގެ ތެރެއަށް ވައްޓާލާ އެންމެ ބޮޑު މައްސަލަކަމަށް ބައިނަލްއަޤްވާމީ މުޖްތަމަޢު ގަބޫލުކުރެ އެވެ. ނަމަވެސް މިމައްސަލަ ހައްލުކުރުމަށް ސަލާމަތީ މަޖިލީހުން ފާސްކުރުމަށް ހުށަހެޅޭ ގަރާރުތަކަށް ވީޓޯގެ ބާރުގެ ބޭނުންކޮށްގެން ހުރަސްއަޅަމުންގެންދާ މައިގަނޑު ގައުމަކީ އެމެރިކާ އެވެ.

އެމެރިކާއަކީ ސައޫދީ ސަރުކާރުގެ އެންމެ ބޮޑު ބައިވެރިޔާ އެވެ. އަދި ހުރިހާ ކަމެއްގައިވެސް ސައޫދީ ސަރުކާރުން ބަރޯސާކޮށް އެހީތެރިކަން ހޯދާ ބައިނަލްއަޤްވާމީ ފަރާތަކީ އެމެރިކާ އެވެ. އެހެންކަމުން ސައޫދީންގެ މި ނިންމުމުގައި މަލާމާތް ރައްދުވާ އެންމެ އިސްފަރާތަކީ އެމެރިކާ ކަމަށް މުރާސިލުން ގެންދަނީ ސިފަކުރަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސައޫދީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީނުގެ މައްސަލައާއި ސޫރިޔާގެ މައްސަލަ ހައްލުކުރުމުގައި ސަލާމަތީ މަޖިލިސް ނާކާމިޔާބުވެފައިވާތީ އެމަޖިލީހުގެ މެންބަރުކަން ގަބޫލުކުރުމަށް ސައޫދީ ސަރުކާރުން ދެކޮޅުހަދާކަމުގަ އެވެ. ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރުކަމަށް ދެއަހަރުގެ މުއްދަތަށް އދ. ގެ ޖެނެރަލް އެސެމްބްލީން މިދިޔަ ހަފްތާގައި އިންތިޚާބުކުރި 5 ގައުމުގެ ތެރޭގައި ސައޫދީ އަރަބިޔާ ހިމެނެ އެވެ. އަނެއް ހަތަރު ގައުމަކީ ޗާޑް، ނައިޖީރިޔާ، ލިޓުއޭނިޔާ އަދި ޗިލީ އެވެ.

ސައޫދީ އަރަބިޔާގެ މި ނިންމުމާބެހޭގޮތުން ދެއްވި ބަޔާނެއްގައި ގަލްފުގެ ސްޓްރެޓީޖިކް ދިރާސާތަކޭބެހޭ މަރުކަޒުގެ ޑައިރެކްޓަރު އަބްދުލްޢަޒީރު އައްސަގްރު ވިދާޅުވީ ސައޫދީ ސަރުކާރުގެ މި ނިންމުމަކީ ސައޫދީ އަރަބިޔާއާ އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި އީރާނާ ގާތްވުމަށް އެމެރިކާ މިހާރު ގެންގުޅޭ ސިޔާސަތުތަކާމެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން އެމެރިކާއަށް އަމާޒުކޮށް ނިންމި ނިންމުމެއް ކަމުގަ އެވެ.

މީގެއިތުރުން ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ކެމިކަލް ހަތިޔާރު ބޭނުންކުރި މައްސަލައާގުޅިގެން ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް ޓަކައި އެމެރިކާއިން ސޫރިޔާއަށް ބޮންއެޅުމަށް ނިންމުމަށްފަހު އެނިންމުން ބަދަލުކޮށް ވެރިކަމުގައި ހުންނެވުމުގެ ފުރްސަތު ބައްޝާރުގެ ސަރުކާރަށް އަލުން ދިނުމަކީވެސް ސައޫދީންގެ ރުޅި އެމެރިކާއަށް އަމާޒުވީ ކަމެއްކަމަށް އަބްދުލްއަޒީޒު އައްސަގްރު ވިދާޅުވިއެވެ.

މި މައްސަލައާގުޅިގެން ސައޫދީ ޚާރިޖީ ވަޒީރު ސައޫދުލްފައިސަލް ވަނީ އދ. ގެ ޖެނެރަލް އެސެމްބްލީގެ މިއަހަރުގެ ސެޝަންގައި ތަގްރީރު ކުރެއްވުމަށްވެސް ދެކޮޅު ހައްދަވާފައެވެ. (އަލްޖަޒީރާ)