މަޝްހޫރު އިންޓަނެޓް ސާޗް އިންޖިން ގޫގުލްގެ ހިއްސާއެއްގެ އަގު ފުރަތަމަ ފަހަރަށް މަތިވެ 1000 ޑޮލަރަށް އަރައިފި އެވެ.

ގޫގުލްއިން ބުނެފައިވަނީ، އެކުންފުންޏަށް ލިބޭ އާމްދަނީ، އުންމީދު ކުރިވަރަށްވުރެ އިތުރަށް ލިބިފައިވާ ކަން އިއުލާނުކުރި ފަހުން އެކުންފުނީގެ ހިއްސާ 13 ޕަސެންޓް، 1000 ޑޮލަރަށް ފުރަތަމަ ފަހަރަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.

ހުކުރު ދުވަހު އެމެރިކާގެ ހިއްސާގެ ބާޒާރުގައި އެންމެ ބާރު ބޮޑު ގަޑީގައި ގޫގުލްގެ ހިއްސާއެއްގެ އަގު 1008.54 ޑޮލަރަށް އުފުލިފައިވެ އެވެ.

ގޫގުލްއިން ބުނެފައިވަނީ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެކުންފުންޏަށް ލިބުނު ސާފު ފައިދާ 36 ޕަސެންޓަށް،2.97 ބިލިޔަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. އާމްދަނީ ވަނީ އަހަރުން އަހަރަށް ލަފާކޮށްފައިވާ ވަރަށްވުރެ 12 ޕަސެންޓު އުފުލިފައި ކަމަށްވެސް އެކުންފުނިން ބުނެއެވެ.

"ތިޔަ ބޭފުޅުންގެ ޑިވައިސްތަކުގެ އެހީގައި ހިތްގައިމު ސާދާ ލަނޑު ދަނޑިއަށް ވާސިލްވުމަށް ކުރަމުން އަންނަ މަސައްކަތް ހާސިލްވުމާ ވަރަށް ގާތުގައި މިވަނީ،" ގޫގުލްގެ އެނަލިސްޓުންނާއެކު ބޭއްވި ކޮންފަރެންސް އެއްގައި އެކުންފުނީގެ ޗީފް ލެރީ ޕޭޖް ވިދާޅުވި އެވެ.

ގޫގުލްގެ އާމްދަނީއަށް ލިބުނު ކުރިއެރުމާއެކު އޮންލައިން އެހެނިހެން ކުންފުނި ތަކަށްވެސް ވަނީ އޭގެ ރަނގަޅު އަސަރު ކޮށްފަ އެވެ. އެގޮތުން ފޭސްބުކްގެ ހިއްސާއަކަށް 55 ޑޮލަރު 4.4 ޕަސެންޓުގެ ކުރިއެރުން ލިބިފައިވާ އިރު އެމޭޒަންގެ ހިއްސާ 3.4 ޕަސެންޓަށް ވަނީ މައްޗަށް ޖެހިފަ އެވެ.

ހިއްސާއަކަށް 1000 ޑޮލަރު ޖެހުނު އިރު ގޫގުލްގެ ބާޒާރުގެ އަގު އުޅެނީ ގާތްގަނޑަކަށް 334 ބިލިޔަން ޑޮލަރުގަ އެވެ. އެއީ އަދިވެސް އެޕަލްކުންފުނީގެ ބާޒާރުގެ އަގަށްވުރެ ދަށް އަގެކެވެ. އެޕަލް ކުންފުނީގެ ބާޒާރުގެ އަގަކީ 461 ބިލިޔަން ޑޮލަރެވެ.

ގޫގުލްއިން 2004 ވަނަ އަހަރު އެ ކުންފުނީގެ ހިއްސާއަކަށް 85 ޑޮލަރު ހަމަޖެއްސި އިރު ކުންފުނީގެ ބާޒާރުގެ އަގު ހުރީ 23 ބިލިޔަން ޑޮލަރުގަ އެވެ.