ހުރިހާ ކެންޑިޑޭޓުން ސޮއިނުކުރެއްވި ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން މިއަދު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މިރޭ ފަތިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ އިންތިޚާބާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދުމުން ގައިޑުލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް އެ ކޯޓުން ލަފާދީފައިވާ ކަމަށެވެ.

ފުވާދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ކުރައްވަން ޖެހޭ ކަމެއް ނުކުރައްވައި ދޫކޮށްލެއްވުމަކީ މުޅި ނިޒާމް ހުއްޓެންޖެހޭނެ ކަމެއް ކަމަށް އޭނާ ދެކިވަޑައިނުގަންނަވާ ކަމަށެވެ.

"އެކަން ނުކުރައްވާ ދޫކޮށްލީ. ޕީޕީއެމްގެ ފަރާތުން ވެސް އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން ވެސް އެހެންވީމާ އެބޭފުޅުންނަށް ކުރައްވަން ޖެހޭ ކަމެއް އެބޭފުޅުން ނުކުރައްވާ ދޫކޮށްލުމަކީ މުޅި ނިޒާމް ހުއްޓިގެން ވާނެ ކަމެއް ކަމުގައި އަޅުގަނޑު ނުދެކެން،" ފުވާދު ވިދާޅުވި އެވެ.

މިއަދު ބާއްވާ އިންތިޚާބުގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ފުވާދު ވިދާޅުވި އެވެ. ފުވާދު އެގޮތަށް ވިދާޅުވި އިރު ފުލުހުން ރޭ ބުނެފައި ވަނީ އިންތިޚާބާ ގުޅޭ ގޮތުން ފުލުހުންގެ އެހީތެރިކަމެއް ލިބޭނީ އެ އިންތިޚާބަކީ ސުޕްރީމް ކޯޓުގެ ގައިޑުލައިންތަކާ އެއްގޮތަށް ބާއްވާ އިންތިޚާބަކަށްވާ ނަމަ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިއަދަކީ 19 އޮކްޓޯބަރު 2013 ވަނަ ދުވަހަކީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވޭނެ ދުވަސް ވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. ޕޮލިސް ސާވިސްގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް އަޅުގަނޑު ޔަގީން ކުރަން،" ފުވާދު ވިދާޅުވި އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަހްމަދު ފަޔާޒު ހަސަން ވިދާޅުވީ އެކި ރަށްތަކުގައި ވޯޓުލުން ފެށޭނީ އެކި ގަޑިތަކުގައި ކަމަށެވެ. އެގޮތުން ބައެއް ރަށްތަކުގައި 7:00 ގައި އަނެއް ބައި ރަށްތަކުގައި މެންދުރުގެ ވަގުތެއްގައި ވޯޓުލުން ފެށޭނެ ކަމަށާއި މިރެއާ ހަމައަށް ވޯޓުލުން ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ފަޔާޒު ވިދާޅުވި އެވެ.

ފަޔާޒު ވިދާޅުވީ ވޯޓުލުން ލަހުން ފެށުކަމަށް ވިޔަސް ވޯޓުލުމަށްޓަކައި އެކަށީގެންވާ ފުރުސަތު ލިނިގެންދާނެ ކަމަށެވެ.

"ވޯޓުލާން ފެށޭނީ ވޯޓު ފޮށިތައް ރަށްރަށް ގެންދެވޭ ވަގުތަކުން ދެއްތޯ މިހާރު މިސާލަކަށް އަޅުގަނޑުމެން ހެނދުނު 6 ޖަހާއިރު ފުރުވީމަ ރަށަކަށް ފޯރަނީ މިސާލަކަށް 9 ޖަހާއިރު އެއީ އަދި ވެދާނެ ކަން ނޭނގެ ވެރި ރަށަށް. އަދި ވެރިރަށުން މުޅި އަތޮޅުގެ ހުރިހާ ރަށަކަށް އަނެއްކާ ޑެލިވާ ކުރަން ޖެހޭ. މިސާލަކަށް ވޯޓު ފޮށި ފޮނުވުނީ 12 ޖަހާއިރު ކަމަށް ވަންޏާ ދެން ހަމަ 12 ގަޑި ބައިގައި 15 އެހާކަންހާއިރު ކަންނޭނގެ ފެށޭނީ. ކޮންމެ ގަޑިއަކު ފެށުނު ކަމަށް ވިޔަސް ވޯޓު ލުމަށްޓަކައި ރައްޔިތުންނަށް ދޭނަން،" ފަޔާޒު ވިދާޅުވި އެވެ.

ހުރިހާ ލިސްޓެއްގައި ހަމަ އެކަނި ސޮއި ކުރުމަށް ވެސް 18 ގަޑި އިރު ނަގާ ނޫންތޯ އާއި ފަތިހު ލިސްޓް ދީފައި ދެ ގަޑި އިރުގެ ތެރޭގައި ލިސްޓްގައި ސޮއި ކުރުމަށް އެދިވަޑައި ގަތުމަކީ ޒިންމާދާރު ގޮތުގައި ކޮމިޝަނުން ކުރި ކަމެއްތޯ ދެންނެވުމުން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އެ ބޭފުޅުންނަށް ވަގުތު ނެތް ކަމަށެވެ. އަދި ފަޔާޒު ވިދާޅުވީ ފުރަތަމަ ސޮއި ކުރުމަށް ފޮނުއްވީ ރާއްޖެ އިން ބޭރުގެ ވޯޓު ފޮށިތަކުގެ ލިސްޓް ކަމަށެވެ.

ފުއާދު ތައުފީގު ވިދާޅުވީ ވޯޓާސް ލިސްޓްގައި ކެންޑިޑޭޓުން ސޮއި ކުރުމަށް ސުޕްރީމް ކޯޓުން ބުނެފައި ވަނީ، އެއީ ވޯޓު ފޮށިތައް ދޮށުގައި އޮންނަ ލިސްޓަކީ އެއް ލިސްޓެއް ކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ ސޮޔެއް ކަމަށެވެ.