19 Oct 2013, 02:52
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު މާދަމާ ބޭއްވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ފަހު ސުޕްރީމް ކޯޓުގެ ހުކުމުގެ ރޫހާ އެއްގޮތަށް އެ ހުކުމުގައި ދީފައިވާ ގައިޑުލައިންތަކާ އެއްގޮތަށް ބޭއްވޭ އިންތިޚާބަކަށް ހެދުމަށް ޕީޕީއެމުން ގޮވާލައިފި އެވެ.
ޕީޕީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ގައިޑުލައިންތަކުގައި ބުނެފައިވާ ކަންތައް ފުރިހަމަ ނުކޮށް ބާއްވާ އިންތިޚާބަކީ ގާނޫނީ ހަމަތަކަށް ބަލާ އިރު އިލެކްޝަންސް ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ގައިޑުލައިންގައި ބުނެފައިވާ ގޮތުން ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގައި އިލެކްޝަންސް ކޮމިޝަނާއި ކެނޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ސައްޚަ ކަމަށް އެއްބަސްވެ، ސޮއިކޮށް އިނގިލީގެ ނިޝާން ޖަހަންޖެހޭނެ ކަމަށެވެ. އަދި އެނޫން އެހެން ލިސްޓެއް ރާއްޖޭގައި ވެސް އަދި ރާއްޖެ އިން ބޭރުގައި ވެސް ވޯޓުލެވޭ އެއްވެސް ދާއިރާއެއްގައި ބޭނުން ނުކުރެވޭކަން ކަށަވަރު ކުރުމަކީ އެ ގައިޑުލައިން ބުނާ ގޮތުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެ ލިސްޓު ބަލައި ސައްޚަކަން ކަށަވަރު ކުރުމަށް އެކަށީގެންވާ ވަގުތު ނުދީ ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމަށް ބާރު އަޅަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ސާވާ އާއި ޑޭޓާބޭސްއާއި މުޅި އައިޓީ ނިޒާމަކީ އިތުބާރު ކުރެވޭ ނިޒާމަކަށް ހެދުމުގެ ގޮތުން ނޭޝަނަލް އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ދައުލަތުގެ ކަމާ ބެހޭ އެހެނިހެން ފަރާތްތަކުގެ ތަޖުރިބާ ކާރުންގެ ޕްރޮފެޝަނަލް އޮޕީނިއަންއާ އެއްގޮތަށް އިސްލާހުކޮށް ރަނގަޅުކުރުމަށް ގައިޑުލައިންގައި ބުނެފައި އޮތަސް އެކަން ވެސް ފުރިހަމަ ކޮށްފައިނުވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.