މައްޗަންގޯޅީ ޗަންޕާ މަގުގައި ހުންނަ ޑޭ ނައިޓް މާޓް ކިޔާ ފިހާރައެއްގެ ގުދަނުގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ، މއ. ކާނޭޝަން ވިއު ގޭގައި ހުންނަ ގުދަނެއްގަ އެވެ.

ސަންގެ ނޫސްވެރިން އެސަރަހައްދަށް ދިޔައިރު ސިފައިންގެ ފަޔާ އެންޑް ރެސްކިއުސާވިސަސް އިން ވަނީ އެ ގުދަނުގައި ހިފާފައިވާ އަލިފާން ނިއްވާލައިފަ އެވެ.

އެމްއެންޑީއެފްގެ ޑެޕިއުޓީ ސްޕޯކްސް ޕާސަން ހުސެން ޢަލީ "ސަން"އަށް ވިދާޅުވީ، އެ ގުދަނުގައި އަލިފާން ރޯވީ މިރޭ 12:15 ކަންހާއިރު ކަމަށާއި އަލިފާން ހިފަން މެދުވެރިވީ ގުދަނުގައި ހުރި ކަރަންޓް ބޯޑް ޝޯޓް ވުމުގެ ސަބަބުން ކަމަށެވެ.

"މިރޭ އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ މ. ޑޭ ނައިޓް މާޓް ފިހާރައިގެ ކުރިމަތީގައި ހުންނަ އެ ފިހާރައިގެ ގުދަނުގައި. އަލިފާން ހިފަން މެދުވެރިވީ ގުދަނުގައި ހުރި ކަރަންޓް ބޯޑް ޝޯޓް ވުމުގެ ސަބަބުން. އަލިފާން ހިފުމުގެ ސަބަބުން ގުދަނުގައި ހުރި ތަކެއްޗަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވޭ،" ހުސެން އަލީ ވިދާޅުވި އެވެ.