19 Oct 2013, 01:36
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ފަރާތުން ފައިނަލް ވޯޓާސް ލިސްޓުގައި ސޮއި ނުކުރިޔަސް މާދަމާ ހެނދުނު 7:30 ކުރިން ހުރިހާ ރަށަކަށް ވޯޓު ލިސްޓާއި، ވޯޓު ކަރުދާހާއެކު އޮފިޝަލުން ފޮނުވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ނިންމައިފި އެވެ.
އީސީން މިރޭ ބުނެފައި ވަނީ ވޯޓު ކަރުދާސް ހިފައިގެން އެ ކޮމިޝަންގެ އޮފިޝަލުން ދަތުރުކުރަން ހަމަޖެހިފައިވާ ގޮތުން މާދަމާ ވޯޓުލާން ފަށާ ވަގުތާއި ނިމޭ ވަގުތަށް ބަދަލު އަންނާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ އެ ނިންމުމާ އެއްގޮތަށް މިރޭ ދަންވަރު 12:00 ފެށިގެން ހަތް އަތޮޅަކަށް ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުތަކާއި ވޯޓު ކަރުދާހާއި އޮފިޝަލުން ވަނީ ފޮނުވާފަ އެވެ. އެ ގޮތުން ކަނޑުމަގުން ވަނީ ފުލުހުންނާއި އިލެކްޝަންސްގެ އޮފިޝަލުންނާއެކު ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅާއި ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅުގެ އިތުރުން ދ. އަތޮޅަށް ވޯޓު ކަރުދާހާއެކު ލިސްޓުތައް ފޮނުވާފަ އެވެ.
މިރޭ މެންދަމު 2:45ގެ ފަހުން ހަތް އަތޮޅަކަށް ވައިގެ މަގުން ވޯޓު ކަރުދާސް ފޮނުވުމަށްޓަކާ އިލެކްޝަންސް ކޮމިޝަނުން ވަނީ ފުލައިޓްތަކެއް ޗާޓަރުކޮށްފައިވެ އެވެ. އެގޮތުން ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅުގެ އިތުރުން ޅ. އަތޮޅަށް ވޯޓު ވޯޓު ކަރުދާހާއި ލިސްޓު ފޮނުވުމަށްޓަކައި ރާއްޖޭގެ އުތުރަށް ޗާޓަރު ފުލައިޓުތައް ފުރާނެ އެވެ.
މާދަމާ ހެނދުނު 6:10 ފެށިގެން 7:25އާ ހަމަޔަށް ތ. އަތޮޅާއި ލ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލަކާއި އައްޑޫ ސިޓީއަށް ޗާޓަރު ފުލައިޓުތަކެއްގައި ވައިގެ މަގުން ވޯޓު ކަރުދާހާއި ލިސްޓުތަކާއެކު އިލެކްޝަންސްގެ އޮފިޝަލުން ފުރާނެ އެވެ.