މި ސަރުކާރުން، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ރައްޓެހިންނަށާއި ރަހްމަތްތެރިންނަށް އެއްވެސް އުސޫލެއްނެތި ޕްރޮޖެކްޓްތައް ދެމުންގެންދާ ކަމަށާއި، ސަރުކާރުން ކުރިއަށްގެންދާ ކޮރަޕްޝަންގެ އެ އަމަލުތައް ހުއްޓުވުމަށް "ސަރުކާރަށް ތަކެތި ގަތުމާއި ހިދުމަތްހޯދުމުގެ" ބިލު ވީހާވެސް އަވަހަކަށް ގާނޫނަކަށް ހެދުން މުހިއްމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލާ ބެހޭ ގޮތުން ވާހަކަ ދެއްކެވި އެމްޑީޕީގެ މެންބަރުން، ކުރީގެ ސަރުކާރުން ކޮރަޕްޝަނުގެ އެތައް އަމަލުތަކެއް ހިންގާފައިވާ ކަމަށް ވިދާޅުވެ ކުރީގެ ސަރުކާރަށާއި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމަށް ފާޑުވިދާޅުވުމުން، އެ މެންބަރުންނަށް ރައްދު ދެއްވައި އިދިކޮޅު މެންބަރުން ވިދާޅުވީ، މި ސަރުކާރަކީ ގާނޫނަށް އަމަލުކުރަން ނޭނގޭ އަދި ކޮރަޕްޝަންގައި ހައްދުފަހަނަޅައި ގޮސްފައިވާ ސަރުކާރެއް ކަމަށެވެ.


ޑީއާރުޕީގެ މެންބަރު ވައިކަރަދޫ ދާއިރާގެ އަލީ އާރިފް ވިދާޅުވީ ބަޖެޓްގައި ފައިސާ ނުހިމެނި ނަމަވެސް ސަރުކާރުން އެކި ޕްރޮޖެކްޓްތައް ބޭނުން ބަޔަކަށް ދެމުން ގެންދާ ކަމަށެވެ. އެގޮތުން ގުޅީފަޅު ހިއްކަން ބަޖެޓްގައި ފައިސާ ހިމަނާފައި ނުވިނަމަވެސް އެތަން ހިއްކުމަށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ރީކޯ މޫސާ މަނިކުގެ ހެވީލޯޑާ ހަވާލުކޮށްފައިވާ ކަމަށާއި ދަތުރުފަތުރު ކުރުމުގެ ނިޒާމު ހިންގުން ރައްޓެހިންނަށާއި ރަހްމަތްތެރިންނަށް ސަރުކާރުން ދެމުންދާކަމަށެވެ.


   "ބަޖެޓްގައި ފައިސާ ހުއްޓަސް ނެތަސް ކަންތައް ކުރައްވަނީ ކުރައްވާނެ ގޮތަކަށް. ބަޖެޓަކު ނޯންނާނެ ގުޅީފަޅު      ހިއްކަން، އެކާވީސް މިލިޔަން ޑޮލަރު ނުވަތަ 269.85 މިލިޔަން ދިވެހި ރުފިޔާ ޖަހައިފައެއް. ނަމަވެސް އެކަމަކީ  ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވާތީ ހެވީލޯޑަށް އެކަންތައް ވެސް އެއޮތީ މިއަދުގެ ސަރުކާރުން ކޮށްދީފައި. ދައުލަތަށް ފައިސާ ހޯދުމުގައި މިސަރުކާރުން ނުބަލާ މިންވަރަކީ، ޖީއެމްއާރަށް އެއާޕޯޓްދިން މައްސަލައިގައި، ސާމްދާބީލް ކުންފުނީގެ ސީއީއޯގެ މައްޗަށް މެލޭޝިޔާގައި މައްސަލަ ހުށަހަޅައިގެން ތަހުގީގު ކުރަމުންދާކަން އެއީ ހަގީގަތެއް. ޗާޓަރު ކޮށްގެން ނުވަތަ އެ ކުންފުނީގެ މަތިންދާބޯޓެއް، ރައީސުލްޖުމްހޫރިއްޔާ [މުހައްމަދު ނަޝީދު] ބަލައި ފޮނުވައިގެން ކުރެވެމުންދާ ތަހުގީގެއް. މިއީކޮންމެ ގައުމެއްގައި ވެސް ކަން ހިނގާގޮތް އެއްވެސް ގައުމެއްގައި އެ އޮންނަ އޮނިގަނޑާ ހިލާފަށް ހަރަދެއް ނުކުރެވޭނެ،"


ފޮނަދޫ ދާއިރާގެ މެންބަރު އަބުދުއްރަޙީމް އަބުދުﷲ ވިދާޅުވީ، ސަރުކާރުން ކަންތައް ކުރަމުންގެންދަނީ، ސަރުކާރު ހިންގާ ޕާޓީގެ ބޭފުޅުންނަށް ލާބަޔާއި މަންފާ ލިބޭގޮތަށް ކަމަށެވެ. އަދި އެފަދަ ކޮރަޕްޝަންގެ ވާހަކަތަކަކީ، މަޖިލީހުގައި ކޮންމެހެން ދައްކަން ޖެހޭ ވާހަކަތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ހައްދުންމަތީ ފޮނަދޫ ދާއިރާގައި އޮންނަ ކައްދޫ އެއާޕޯޓްގައި ހުރި އިމާރާތްތައް ކުއްޔަށް ނަންގަވައިގެން އެތަންތަން ގެންގުޅުއްވަނީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު. އެތަނުން ލިބޭ ހުރިހާ މަންފާއެއް ލިބެނީ މޫސައަށް. ނަމަވެސް އެ އިމާރާތްތަކުގައި ކުލަލައި އެ އިމާރާތްތައް ސާފުކޮށް އެސަރަހައްދުގެ ވިނަކޮށައި ސާފުކުރަމުން ގެންދަނީ ކައްދޫ އެއާޕޯޓްގެ މަސައްކަތު މީހުން. މިކަހަލަ ކޮރަޕްޝަންގެ މައްސަލަތައް ނައްތާލުމަށް މިކަހަލަ ގާނޫނުތައް ހަދަންޖެހެނީ،"


އަބުދުއްރަހީމް ވިދާޅުވީ، ބަޖެޓްގައި ނުހިމަނައި ވެސް ފައިސާހޯދައިގެން ކަންތައް ކުރެވިދާނެ ކަމަށް އެމްޑީޕީ މެންބަރުން ދައްކާ ވާހަކައަކީ، ގަބޫލު ކުރެވޭނެ ވާހަކައެއްނޫން ކަމަށެވެ. އަދި ބަޖެޓްގައި ނުހިމަނައި ސަރުކާރުން ފައިސާ ހަރަދު ކުރުމަކީ ގާނޫނު އަސާސީއާ ހިލާފްކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ކުރިއަށް ގެންދިއުމަށް ވަނީ ފާސްކޮށްފަ އެވެ.


މިއަދުގެ ޖަލްސާގައި އެކައުންޓްގައި ފައިސާ ނެތި ޗެކް ދޫކުރުން މަނާކުރުމުގެ ބިލުގެ ބަހުސް ވެސް ވަނީ ކުރިއަށް ގެންދަވައިފަ އެވެ.


މި ބިލު މަޖިލީހަށް ހުށަހަޅުއްވަމުން މާވަށު ދާއިރާގެ މެންބަރު އަބުލުލްއަޒީޒު ޖަމާލު އަބުބަކުރު ވިދާޅުވީ، އެ ބިލަކީ، އެކައުންޓްގައި ފައިސާނެތި އެކި ފަރާތްތަކުން ޗެކް ދޫކުރަމުންގެންދިއުމަކީ ގައުމުގެ އިގްތިސާދަށް ނުރަނގަޅު އަސަރުތަކެއް ފޯރަމުންދާ ކަމަކަށްވާތީ އެކަމަށް ހައްލެއް ހޯއްދެވުމަށް ހުށަހެޅުއްވި ބިލެއް ކަމަށެވެ.