ވޯޓާސް ލިސްޓުގައި ހުރިހާ ކެންޑިޑޭޓުން ސޮއިކުރައްވާފައި ނުވާތީ އިންތިޚާބު ބޭއްވުމާ ބެހޭގޮތުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެ އެވެ.

ސަން އަށް އެނގިފައިވާގޮތުގައި އެފަދަ އަމުރަކަށް އިލެކްޝަންސް ކޮމިޝަނުން އެދިފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެވެ. ނަމަވެސް އެ އަކަމާ ބެހޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން މިވަގުތު ރާއްޖޭގައި އުޅުއްވާ ހުރިހާ ފަނޑިޔާރުން މިހާރު ތިއްބެވީ ކުއްލި ބައްދަލުވުމެއްގަ އެވެ.

ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ވެސް ވަނީ އިންތިޚާބާ ބެހޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ ފަރާތުން އެދިފައި ވަނީ ގައިޑުލައިނުގައި ބުނެފައިވާ ގޮތަށް ހުރިހާ ކެންޑިޑޭޓުން ސޮއި ނުކުރަނީސް އިންތިޚާބު ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.