ސުލްހަވެރި މާހައުލެއްގައި އިތުބާރު ކުރެވޭ އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށް އިންޑިއާ އިން ގޮވާލައިފި އެވެ.

އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެންމެންގެ ބައިވެރިވުން އޮންނަ، މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ގޮވާލާފައިވާ ގޮވާލުން އެގައުމުގެ ފޮރިން ސެކްރެޓަރީ ސުޖާތާ ސިންގް ތަކުރާރުކު ކުރައްވާ ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ޑިމޮކްރަސީގެ އުއްމީދުތައް ފުރިހަމަވާ ގޮތަށް، އެންމެންގެ ބައިވެރިވުން އޮންނަ، މިނިވަން އިންސާފުވެރި އިންތިހާބެއް ސުލްހަވެރި މާހައުލެއްގައި ބޭއްވުމަށް އިންޑިއާ އިން ގޮވާލާފައިވާ ގޮވާލުން މިސް ސުޖާތާ ތަކުރާރުކުރެއްވި އެވެ،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި އަދި ވަނީ ޝެޑިއުލްކޮށްފައިވާ ގޮތަށް އޮކްޓޯބަރު 19 ވަނަ ދުވަހު (މާދަމާ) އިންތިހާބު ބާއްވާނެ ކަމަށް ސުޖާތާ އުއްމީދުކުރައްވާ ކަމަށާއި އެކަމަށް އިންތިޒާރުކުރައްވާ ކަމަށް ވެސް ބަޔާނުގައި ވެ އެވެ. އިންތިހާބުގެ ނަތީޖާ ހުރިހާ ކެންޑިޑޭޓުން ގަބޫލުކުރެއްވުމަށާއި އޮމާންކަމާ އެކު ބާރުތައް ބަދަލުކުރުމަށް ވެސް އޭނާ ގޮވާލައްވާފައިވެ އެވެ. އަދި އިންތިހާބުގެ ފަހުން އެކުވެރިކަން އާލާ ކުރުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފަ އެވެ.

ބުދަދުވަހު ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ފޮރިން ސެކްރެޓަރީ ސުޖާތާ މިހާރު ވަނީ ރާއްޖޭން ފުރާވަޑައިގެންފަ އެވެ. އޭނާގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ބައްދަލުކުރެއްވި އެވެ. އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާ ވެސް އޭނާ ބައްދަލުކުރެއްވި އެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ތިން ކެންޑިޑޭޓުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި އަބުދުﷲ ޔާމީނާއި ގާސިމް އިބުރާހީމާ ވެސް ސުޖާތާ ބައްދަލުކުރެއްވި އެވެ.