18 Oct 2013, 21:40
އަންނަ ހޯމަ ދުވަހު ރާއްޖެ ގެނައުމަށް ކުރިން ނިންމާފައިވާ ކޮމަންވެލްތް ގޭމްސްގެ ދަންމަރު ގެނައުން އޮލިމްޕިކް ކޮމެޓީގެ އެދުމުގެ މަތިން ފަސްކޮށްފި އެވެ.
އޮލިމްޕިކް ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގް (މަރޭ) ވިދާޅުވީ އަންނަ އަހަރު ސްކޮޓްލޭންޑްގައި ބާއްވާ ކޮމަންވެލްތް ގޭމްސްގެ ދަންމަރު ކުރިން ރާއްޖެ ގެނައުމަށް ނިންމާފައި ވަނީ އަންނަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި އެހެން ނަމަވެސް ދަންމަރު ގެނައުން ފަސްކުރީ ރާއްޖޭގެ ސިޔާސީ މަސްރަހް މިހާރު ހުރިގޮތައް ބަލާފައި އޮލިމްޕިކް ކޮމެޓީގެ އެދުމުގެ މަތިން ކަމަށެވެ.
"ދަންމަރު ގެނައުން މިހާރު ވަނީ ފަސްކޮށްފައި. އެކަން އެގޮތައް ކުރީ އޮލިމްޕިކް ކޮމެޓީގެ އެދުމުގެ މަތިން. ދެން ދަންމަރު ގެންނާނެ ދުވަހެއް އަދި އެއްކޮށް ފައިނަލް ނުވޭ" މަރޭ ވިދާޅުވި އެވެ.
އަންނަ އަހަރު ބާއްވާ ކޮމަންވެލްތް ގޭމްސްގައި 175 ކުޅިވަރަކުން 261 އިވެންޓް ބައިވެރިވާއިރު، ކޮމަންވެލްތް ގޭމްސްގައި ބައިވެރިވެފައިވާ 71 ގައުމަށް ދަންމަރު ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.