18 Oct 2013, 18:25
މާދަމާ ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުން ގެންދާ ރިޔާސީ އިންތިޚާބަކީ ހުރިހާ ފަރާތްތަކަށް ވެސް ގަބޫލު ކުރެވޭ އަދި އަމާންކާމާ އެކީ ކުރިއަށް ގެންދެވޭ އިންތިޚާބެއް ކަމުގައި ހެދުމަށް ކޮމަންވެލްތުން އިލްތިމާސް ކޮށްފި އެވެ.
މިމަހު 16 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ހަރަކާތްތެރިވަމުން ގެންދާ ކޮމަންވެލްތުގެ ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ އޮބްޒާވަރުންގެ ގްރޫޕްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އެ ގްރޫޕްގެ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މޯލްޓާގެ ކުރީގެ ބޮޑުވަޒީރު ޑރ. ލޯރެންސް ގޮންޒީ ވިދާޅުވީ އޮކްޓޯބަރު 19 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއްކަން ކަށަވަރުކުރުމަށް ހުރިހާ ފަރާތެއްގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު އުންމީދު ކުރަން ރާއްޖޭގެ ރައީސަކު ހޮވުމަށް އޮކްޓޯބަރ 19 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަކީ ގަބޫލު ކުރެވޭ ފަދަ، އަމާން ކަމާއެކީ ކުރިއަށް ގެންދެވޭ އިންތިޚާބަކަށް ހެދުމަށް އެންމެހާ ދިވެހިންގެ އެއްބާރުލުން ދޭނޭކަމަށް. އަދި ހުރިހާ ދިވެހިންނަށް ވެސް އެބައިމީހުންގެ ރައީސަކު ހޮވުމުގައި ލިބިދޭން ޖެހޭ ހުރިހާ އަސީސީ ހައްގުތަކެއް ލިއްބައިދޭނޭ ކަމަށް،" ޑރ. ލޯރެންސް ވިދާޅުވި އެވެ.
ރާއްޖޭގައި ހަރަކާތްތެރިވަމުން ގެންދާ ކޮމަންވެލްތު އޮބްޒާވަރުންގެ ގްރޫޕަކީ ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ކަންތައްތައް ކުރިއަށްދާ ގޮތް ބެލުމަށް އިލެކްޝަންސް ކޮމިޝަނުގެ އެދުމުގެ މަތިން 31 އޯގަސްޓް 2013ގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމްލޭޝް ޝަރުމާ އެކުލަވައިލެއްވި ގްރޫޕެކެވެ. އެ ގްރޫޕްގެ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގައި އިންތިހާބު ކުރިއަށް ގެންދަނީ ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންތޯ ބެލުމާއި، އަދި އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ އެކިއެކި ޝަކުވާތައް ބެލުމާއި، އަދި އިންތިހާބުގެ ކަންކަން ހިނގައި ދިޔަގޮތުގެ މައްޗަށް ބަލައި ބޭނުން ވެއްޖެ ހާލަތުގައި ކުރިއަށް ހުރި އިންތިޚާބުތައް ރަނގަޅުކުރުމަށް ކުރަން ޖެހޭ ކަންތައްތަކުގެ ފްރޭމްވޯކެއް ހުށަހެޅިދާނެ އެވެ.
ކޮމަންވެލްތުން ބުނެފައިވަނީ، އެ ޖަމާއަތުން ރާއްޖެ އަށް ކަނޑައަޅާފައިވާ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮބްޒާވް ކުރާ ގްރޫޕުން ތައްޔާރު ކުރާ ރިޕޯޓް ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާއަށް ހުށަހެޅުމުން ސެކްރެޓަރީ ޖެނެރަލް ބެއްލެވުމަށް ފަހު އެ ރިޕޯޓު ދިވެހި ސަރުކާރަށާއި އިލެކްޝަންސް ކޮމިޝަނަށާއި އަދި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކަށާއި އަދި ކޮމަންވެލްތުގެ އެހެނިހެން ގައުމުތަކަށްވެސް ފޮނުވާނޭ ކަމަށެވެ.
މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމަންވެލްތުގެ އޮބްޒާވަރުންގެ ގްރޫޕުން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހަރަކާތްތެރި ވާނެ އެވެ.