18 Oct 2013, 18:22
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ ސުޕްރީމް ކޯޓުން އެ ބުރު ބާތިލުކޮށް އަލުން ފުރަތަމަ ބުރެއް ބާއްވަން ކުރި ހުކުމާ އެއްގޮތަށް މާދަމާ އިންތިހާބެއް ނުބޭއްވި ދާނެތީ އެމެރިކާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީގެ ޑިރެކްޓަރު ކްރިސްޓަފާ ޓީލް މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ މިއަންނަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސްއަކު އިންތިހާބު ކުރަން ޖެހޭނެ ކަމަށް ބުނެފައިވާ އިރު އެ ތާރީހުގައި ރައީސަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ރައްޔިތުން އެމީހުންގެ ރައީސަކު ހޮވުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން ކުރައްވާ މަސައްކަތް ވެސް ފާހަގަ ކުރައްވައި ނެރުއްވާފައިވާ އެބަޔާނުގައި އިތުރަށް ބުނެފައި ވަނީ މާދަމާ ބާއްވާ އިންތިހާބަށް ހުރިހާ ސިޔާސީ ލީޑަރުން އެއްބައި ވާންޖެހޭ ކަމަށެވެ.
"ރާއްޖޭގައި މިނިވަންކަމާއި ސައްހަކަމާ އެކު އަމާން އޮމާން އިންތިހާބެއް ބައިނަލް އަގްވާމީ ފެންވަރެއްގައި ބޭއްވުމަށް ސިޔާސީ ވެރިން އެއްގަލަކަށް އަރަން ޖެހޭ،" އެބަޔާނުގައި ބުނެފައިވެ އެވެ.