29 Nov 2010, 12:34
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، މިއަދު މެންބަރުން ޢައްޔަން ކުރައްވައިފި އެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާ ޓެކްސް ޓްރައިބިއުނަލަށް، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި މެންބަރުންނަކީ، ބ. ތުޅާދޫ ގުލްބަހާރުގޭ އަލްއުސްތާޛު އިބްރާހީމް އަފީފާއި، ނ. މާފަރު އީޓުޖެހިގޭ އަލްއުސްތާޛު އަބްދުއްސަލާމް އާރިފާއި، ލ. މާވަށް ނަލަމަލަ ނަސްރުﷲ ޖަމީލާއި، ދަފްތަރު އަލްއުސްތާޛު އަހްމަދު ސާވީއާއި، ގ. މާވާރުލު ޙަސަން ޒުހައިރު މުހައްމަދު ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން އެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި ފަސް ބޭފުޅުންނަކީ، އާންމުކޮށް އިއްލާން ކުރައްވައިގެން ޓްރައިބިއުނަލްގެ މެންބަރު ކަމަށް އެދި ހުށަހެޅުއްވި ބޭފުޅުންގެ ނަންފުޅުތައް ރައީސް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން އެމަޖިލީހުން ރުހުންދެއްވި ފަސް ބޭފުޅުންނެވެ.
އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ދައުލަތުގެ އާމްދަނީ ނެގޭ ގޮތް، ޒަމާނީ ދައުލަތްތަކުގައި އެކަން ކުރާ އުސޫލަށް ބަދަލުކޮށްގެންނޫނީ ޤައުމެއްގެ ސިފައިގައި ކުރިއަށް ދެވެންނެތްކަން ފާހަގަވާތާ ދުވަސްތަކެއްވެއްޖެ ކަމުގައި ވިދާޅުވި އެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ، އެހެން ޤައުމުތަކުގައިވެސް އެހެން މުޖްތަމައުތަކުގައިވެސް ދައުލަތުގެ އާމްދަނީ ހޯދާ އުސޫލުން ދައުލަތުގެ އާމްދަނީ ހޯދަމުން ގެންދިޔުން ކަމުގައި ވިދާޅުވި އެވެ.
އެ ރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން ޓެކްސްއާ ބެހޭ މައިގަނޑު އިދާރީ އޮނިގަނޑު ގާއިމުކުރެވިފައިވާ ކަމަށާއި ޓެކްސް ނަގާނޭ މައިގަނޑު އޮފީހެއް ވެސް މިހާރު ޤާއިމު ކުރެވިފައިވާކަން ފާހަގަކުރެއްވި އެވެ. މިއަދު ވެސް ދައުލަތަށް 700 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ، ޓެކްސްގެ ގޮތުގައި ލިބެން އެބަ ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ފައިސާ ޚަރަދު ކުރައްވަން ޖެހެނީ ރައްޔިތުންގެ ރަނގަޅަށް، ރައްޔިތުންގެ ފައިދާއަށާއި ލާބައަށް ކަމުގައި ވިދާޅުވި އެވެ.
"އެ ފައިސާ ނެތި އަޅުގަނޑުމެން ދަރަނިވެރިވެ، އަދި ބޮޑުއަގުގައި ދަރަންޏަށް ނަގަންޖެހޭކަމީ، އަޅުގަނޑަށް ފެންނަ ފެނުމުގައި ރާއްޖޭގެ ރައްޔިތުން ހިތްހަމަޖެހޭނޭ ކަމެއް ނޫން" ރައީސާ ހަވާލާދީ ރައީސް އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ޝަކުވާ އިންސާފުވެރިކަމާއެކު ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ހަމައެހެންމެ ޓެކްސް ލިބޭ ފަރާތްކަމަށްވާ ދައުލަތުގެ ޝަކުވާތައްވެސް ބަލައި ހެދުމަކީ އެހާމެ މުހިންމު ކަމެއް ކަމުގައި ވިދާޅުވި އެވެ. އަދި ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަން ކުރެއްވި ބޭފުޅުންވެސް، އެ ބޭފުޅުންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރައްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި އަދި އެހެންވެސް ޓެކްސްއާބެހޭ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހެޅޭ ޓެކްސްއާގުޅޭ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ޓްރައިބިއުނަލެކެވެ. އަދި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ނުވަތަ އެހެންވެސް ޤާނޫނެއްގެ ދަށުން، ޓްރައިބިއުނަލްއިން ބެލުމަށް، ކަނޑައަޅާ މައްސަލަތައް ބަލައި، ޓްރައިބިއުނަލްއަށް ރަނގަޅުކަމަށް ފެންނަގޮތަކަށް އެމައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރު ޓްރައިބިއުނަލްއަށް ލިބިގެންވެ އެވެ. އަދި ޓްރައިބިއުނަލްއަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި މީހުން ހާޒިރުކުރުމާއި، ހެކިބަސް ހޯދުމާއި، ހެއްކާއި ޤަރީނާ ހޯދުމާއި، އަދި އެ ނޫންގޮތަކުންވެސް މައްސަލައިގެ ޙަޤީޤަތް ހޯދާ ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ބާރު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ޓްރައިބިއުނަލްއަށް ލިބިގެންވެ އެވެ.