18 Oct 2013, 16:12
ކުޅުދުއްފުށިން: އަހުމަދު ސާއިލް އަލީ
ރިޔާސީ އިންތިހާބު ކަވަރުކުރުމަށް މިއަދު ކުޅުދުއްފުއްޓަށް އައުމުން ބޮޑު ހައިރާން ކަމެއް ލިބުނެވެ. ސުޕުރީމް ކޯޓުން އިންތިހާބު ބާތިލުކުރުމަށް ފަހު އަލުން ބާއްވާ އިންތިހާބު ކަވަރުކުރަން މިރަށަށް އައިރު ފެނުނު މަންޒަރުތަކާއި އަޑުތައް މިހާރު މުޅިން ވަނީ ބަދަލުވެފަ އެވެ. ކުރިން މިރަށުން ފެނިގެންދިޔައީ ސިޔާސީ ފޯރިއެއް މިހާރު މިރަށުން ނުފެނެ އެވެ. އެންމެން ތިބީ މާޔޫސްވެފަ އެވެ.
"އަހަންނަކަށް ނޭންގެ ވާގޮތެއް ވެސް އަދި ވާންވި ގޮތެއް ވެސް. ކުރިން ވޯޓް ލީމަ ބޭކާރުވީ. ދެން މިހާރު މިތިބީ ދިރިއުޅުމަށް ކުރަން ޖެހޭ މަސައްކަތައް ނުފެށި މި ވޯޓަކަށް ހަދާ ގޮތެއް ނޭނގިގެން،" މިރަށުގެ ހޮޓަލަކުން ދިމާވި މީހަކު ކަންބޮޑުވެފައި ހުރެ ބުންޏެވެ.
އެންމެންގެ ވެސް ސުވާލަކީ "މާދަމާ ވޯޓްލުން އޮވޭތޯ؟" ކުރާ ސުވާލެވެ. ކުޅުދުއްފުށީ ގިނަ ރައްޔިތުން ތިބީ ފަސް އަހަރުން އެއް އަހަރު ވޯޓްލުމަށް ލިބޭ ފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ތައްޔާރަށެވެ. ގައުމުގެ އެންމެ އިސްވެރިޔާ ވޯޓުން ހޮވުމުގެ އުންމީދުގަ އެވެ. ނަމަވެސް މިހާރު އެންމެންގެ ވެސް ކަންބޮޑުވުމަކީ ވޯޓަށް ހުސްވެ ތިބި އިރު ވޯޓްލެވޭނެ ކަމުގެ އުންމީދެއް ނެތުމެވެ.
ކުޅުދުއްފުށީ ގިނަ ރައްޔިތުން ތިބީ ހަމަ ވޯޓަށް ތައްޔާރުވެގެންނެވެ. މާލެ ދަތުރުކުރާ ބޮޑެތި ބޯޓްތައް އޮތީ ފަޅުގަ އެވެ. ރިސޯޓްތަކާއި އެކިތަންތަނުގައި ވަޒީފާތަކުގައި އުޅޭ ގިނަ އަދަދެއްގެ ބަޔަކު މާދަމާ ވޯޓް ލުމަށް ފަހު މި ރަށުން ފުރުމަށް ތިބީ ތައްޔާރު ވެގެންނެވެ. މަސްވެރިން ތިބީ މަހަށް ނުފުރަ އެވެ. އީދު ބަންދަށް ރަށަށް އައި މީހުން ތިބީ ވޯޓުލުމަށް ފަހު ނޫނީ ނުފުރުމަށެވެ. އޭގެ ތެރެއިން ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި މިފަހަރު އަވަހަކަށް ވޯޓެއް ނުލެވޭނެ އެވެ.
"މިއަށްވުރެ ބޮޑު ލަނޑެއް އަދި ނުލިބޭ. މާލޭގަ ހުރެފައި އީދު ބަންދަށް މިއައީ ވޯޓްލައިފައި ދާން. އެކަމަކު މިހާރު މިވާ ގޮތުން ހަދާނެ ނުހަދާނެ ގޮތެއް ނޭނގިފައި މިހިރީ،" އީދު ބަންދަށް ކުޅުދުއްފުއްޓަށް އައިސް ހުރި ސުހެއިލް ބުންޏެވެ.
ސިޔާސީ ޕާޓީތަކުގެ ކެމްޕެއިންގެ މާބޮޑު ފޯރިއެއް ފެންނާކަށް ނެތެވެ. ބާތިލް ކުރި އިންތިހާބުގެ ދުވަސްވަރުގެ ކެމްޕެއިނެއް ކުރަމުންދާތަން ފެންނަނީ ވަރަށް މަދުންނެވެ. ކެމްޕެއިންގައި ހަރަކާތްތެރިވާ ފަރާތަކުން ވެސް ތިބީ ވޯޓުލެވޭނެ ކަމުގެ މާބޮޑު އުއްމީދެއްގަ އެއް ނޫނެވެ.
"ކުޅުއްދުއްފުށްޓަކީ ވަރަށް ސުލްހަވެރި ރައްޔިތަކު ދިރިއުޅެމުންދާ ރަށެއް، އަނެއްހެން ކެމްޕެއިންތައް ކިތަންމެ ވަރަކަށް ކުރިއަސް ހަމަނުޖެހުމެއް ނުހިނގާ. ދެން ވޯޓު ލެވޭހާ، ނޫނީ ވޯޓުން ރައްޔިތުން ނިންމާ ގޮތެއް ގަބޫލް ކުރާނެތޯ އެފަދަ ވާހަކަތައް ވަރަށް އާންމު،" ކުޅުދުއްފުށީ ކައުންސިލް މެމްބަރު މުހައްމަދު ޖަމްޝީދު ވިދާޅުވި އެވެ.
ހދ. އަތޮޅުގެ ވެރިކަން ކުރާ އަދި ބޮޑު ތިލަދުންމަތީގެ އެންމެ އާބާދީ ބޮޑު ރަށުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި 6،000 އަށް ވުރެ ގިނަ މީހުން ވޯޓްލަ އެވެ. އަދި މިރަށުގައި ޖުމްލަ އަށް ވޯޓު ފޮއްޓެއް ހަ މަރުކަޒެއްގައި ބަހައްޓަން ހަމަޖައްސާފައިވެ އެވެ.
ސުޕުރީމް ކޯޓުގެ ހުކުމާ އެއްގޮތަށް ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭގޮތުން މިރަށުން ދިމާވި އެކި އުމުރުގެ މީހުންނާ ވާހަކަ ދައްކާލުމުން އޭގެ ތެރެއިން އެންމެ ވެސް ބުނެފައި ވަނީ މާދަމާ ބާއްވާ އިންތިހާބުގައި ވޯޓްލާން ދިއުމަށް ކެތް މަދުވެފައިވާ ކަމަށާއި ނަމަވެސް ވޯޓާއި ދޭތެރޭ ޔަގީން ކަމެއް މިހާރު ނެތް ކަމަށެވެ. އެއް ބަޔަކު އިލެކްޝަން ކޮމިޝަން ކުށްވެރިކުރާ އިރު އަނެއްބަޔަކު ދަނީ ސުޕުރީމް ކޯޓް ކުށްވެރިކުރަމުންނެވެ.