ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) ކަމަށް ބޭފުޅަކު ހޮވާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެ ބޭންކުން މިއަދު ބުނީ ސީއީއޯ ކަމަށް ކުރިމަތިލި 100 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ބޯޑުގެ ކޮމިޓީއަކުން އިންޓަވިއުކުރުމަށް ފަހު ޝޯޓް ލިސްޓްކުރި ކަމަށެވެ. އަދި ޝޯޓް ލިސްޓްކުރި މީހުންނާ ބޯޑުގެ ކޮމިޓީން އިންޓަވިއުކުރުމަށް ފަހު ސީއީއޯއަކު ހޮވާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ސީއީއޯ ކަމަށް ބޭފުޅަކު ހޮވި ނަމަވެސް އެއީ ކާކު ކަމެއް މިހާތަނަށް ހާމަކޮށްފައެއްނުވެ އެވެ.

ބީއެމްއެލް އިން ބުނީ ދެން އޮތީ ސީއީއޯ ކަމަށް ހޮވާފައިވާ ބޭފުޅާ އައްޔަންކުރުމުގެ ކުރިން ކަމާ ބެހޭ އިދާރާތަކުގެ ހުއްދަ ހޯދުން ކަމަށެވެ. އަދި އެ ހުއްދަ ލިބުނުހާ އަވަހަކަށް އިތުރު ތަފުސީލް ހާމަކުރާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ އިސް އޮފިޝަލަކު ވިދާޅުވީ ސީއީއޯ ކަމަށް ހޮވި ބޭފުޅާ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި މަގާމާ ހަވާލުވާނެ ކަމަށެވެ. އަދި އެކަމަށް ކުރަން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސީއީއޯއަކު ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި 100 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ކްރައިޓީރިއާއަށް ފެތޭ ވަރަށް ގިނަ ބޭފުޅުން ތިބި. ދެން އަޅުގަނޑުމެން ޝޯޓް ލިސްޓްކުރުމަށް ފަހު އެ ފަރާތްތަކާ އިންޓަވިއުކުރީ. އަޅުގަނޑުމެން ބެލީ އެ ބޭފުޅުން އެކްސްޕީރިއަންސް އަށާއި ތައުލީމީ ފެންވަރަށް،" އެ އޮފިޝަލް ވިދާޅުވި އެވެ.

ބީއެމްއެލް އިން ސީއީއޯ ކަމަށް ބޭފުޅަކު ހޮވީ އެ މަގާމުގައި ކުރިން ހުންނެވި ޕީޓާ ހޯޓަން އިސްތިއުފާ ދެއްވައި ބާމިއުޑާގެ ބޭންކެއްގެ ސީއީއޯ ކަމަށް ވަޑައިގަތުމާ ގުޅިގެންނެވެ.

ޕީޓާ އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ބޭންކުގެ އެކްޓިން ސީއީއޯއަކަށް ހަމަޖައްސާފައި ވަނީ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނެވެ.