18 Oct 2013, 14:02
ސުޕްރީމް ކޯޓުން ބާތިލުކޮށްފައިވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު މާދަމާ ބޭއްވުމަށް "ސުޕުރީމް ކޯޓުގެ ޙުކުމާ އެއްގޮތަށް، މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ބޭއްވުމަށްޓަކައި ދެއްވަން ޖެހޭ" ހުރިހާ އެއްބާރުލުމެއް ދެއްވުމަށް ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރު ކުރިމަތިވެފައިވާ މައްސަލަތައް، އިލެކްޝަންސް ކޮމިޝަނާއި އިންތިޚާބުގައި ބައިވެރިވާ ސިޔާސީ ޕާޓީތަކާއި ކަމާ ބެހޭ ހުރިހާ މުއައްސަސާތައް ގުޅިގެން ޙައްލުކޮށް، އޮމާންކަމާ އެކު އެ އިންތިޚާބު ބޭއްވޭނެ ވެއްޓެއް ގާއިމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު އެދިވަޑައިގަންނަވާ ކަމަށެވެ.
"އަދި ކޮންމެ ރައްޔިތަކަށް ވެސް ލިބިފައިވާ ވޯޓުލުމުގެ ޙައްގަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތިން، ކަންކަން އިންތިޒާމުކޮށްދެއްވުމަކީ ވެސް އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ." ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.
ރައީސް ވިދާޅުވެފައި ވަނީ "މި ފުރުޞަތުގައި، އިންތިޚާބަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުހިންގެވުމަށާއި އަމިއްލަ މަޞްލަޙަތަށް ވުރެ ޤައުމުގެ މަޞްލަޙަތު އިސްކުރެއްވުމަށް ވެސް އަޅުގަނޑު އިލްތިމާސްކުރާ" ކަމަށެވެ.