18 Oct 2013, 13:42
ވޯޓު ނަގަން ކަނޑައަޅާފައިވާ ގަނޑި އަށް އަތޮޅުތަކަށް ވޯޓު ކަރުދާހާއި ވޯޓުލާ މީހުންގެ ލިސްޓް ނުފޮނުވިދާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ ބުދަ ދުވަހުން ފެއްޓިގެން ފުލުހުންގެ ލޯންޗުތައް ތައްޔާރުކޮށް މާދަމާ ވޯޓުލުމަށް ބޭނުންވާ ވޯޓު ކަރުދާހާއި ވޯޓާސް ލިސްޓް ފޮނުވުމަށް ފުލުހުން ތިބީ ތައްޔާރަށް ކަމަށާއި ނަމަވެސް މިއަދު 7:30 އާ ހަމައަށް އެ ލިސްޓް ނުލިބުމުން މޫސުން ހުރި ގޮތުން ހުރިހާ އަތޮޅުތަކަށް ވޯޓު ކަރުދާސްތައް ފޮނުވުމަކީ ދަތިކަމެއް ކަމަށެވެ.
"މި ދެންނެވި ވަގުތުގެ ފަހުން މާލެއިން ފުރައިގެން އަތޮޅުތަކަށް ވޯޓް ކަރުދާސްތަކާއި ވޯޓްލާމީހުންގެ ލިސްޓް ގެންދިއުމަށްފަހު ވޯޓް ނަގަން ހަމަޖެހިފައިވާ ގަޑިއަށް ހުރިހާ ރަށް ރަށަކަށް އެތަކެތި ނުގެންދެވުމަކީ އެކަށީގެންވާ ކަމެއް،" ފުލުހުން މިއަދު ނެރުނު ބަޔާނެއްގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން ވޯޓު ކަރުދާހާއި ވޯޓް ލިސްޓްތައް ވޯޓުލާ މަރުކަޒުތަކަށް ގެންދިޔުމުގައި ފުލުހުން ރައްކާތެރިކަން ދޭން ޖެހެ އެވެ.