ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ފަރާތުންނާއި އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއިނުކުރައްވަނީސް މަދަމާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނުބޭއްވޭނެ ކަމަށް އިލްކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މިއަދު ހެދުނު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ އެގޮތަށް އަމަލުކުރަން ޖެހިފައި ވަނީ ސުޕްރީމް ކޯޓުގެ ގައިޑުލައިންގައި ބުނެފައިވާ ގޮތުން އިންތިޚާބު ބޭއްވުމުގެ ކުރިން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއިކުރުމަކީ އެ ކޮމިޝަންގެ މައްޗަށް ލާޒިމް ކަމަކަށް ވާތީ ކަމަށެވެ.

ފުވާދު ވިދާޅުވީ މިހާތަނަށް ވޯޓާސް ލިސްޓުގައި ސޮއިކުރައްވާފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އިންތިޚާބީ އެޖެންޓް ހަސަން ލަތީފް ކަމަށެވެ. އަދި އޭގެ އިތުރުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ފަރާތުން ވެސް ލިސްޓުގައި ސޮއިކޮށް ތައްގަނޑު ޖަހާފައިވާ ކަމަށް ވެސް ފުވާދު ވިދާޅުވި އެވެ.

ވޯޓާސްލިސްޓުގައި ސޮއިކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަތުމަށް ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުންގެ މަންދޫބުންނަށް ދެންނެވުމަށް ފޯނަށް ގުޅާލުމުން، ފޯނަށް ޖަވާބުދެއްވަފައި ނުވާ ކަމަށް ވެސް ފުވާދު ވިދާޅުވި އެވެ.

ފުވާދު ވިދާޅުވީ މިއަދު ހެނދުނު ވޯޓާސް ލިސްޓުގައި ސޮއިކުރައްވަން ވަޑައިގަތުމަށް ޔާމީނަށާއި އެމަނިކުފާނުގެ ކެންޕޭން އެޖެންޓާއި މަންދޫބުންނަށް ގުޅައި، އެސްއެމްއެސް ކުރުމުން ވެސް ޖަވާބެއް ދެއްވާފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ ސޮއިކުރުމުގެ ކުރިން 10 ޕަސެންޓް ފޯމްގެ ފިންގާޕްރިންޓް ވެރިފައި ކުރަން ބޭނުންވާ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ފަރާތުން ރޭ އެ ކޮމިޝަނަށް ސިޓީއެއް ވެސް ފޮނުވާފައިވާ ކަމަށެވެ.

ޕީޕީއެމްގެ ފަރާތުން ފޮނުވި އެ ސިޓީއާ ގުޅޭގޮތުން ފުވާދު ވިދާޅުވީ ރީ ރަޖިސްޓްރޭޝަނަށް ހުށަހަޅާފައިވާ ފޯމްތަކުގެ 10 ޕަސެންޓަކީ 7،000 ފޯމް ކަމަށާއި އެ ފޯމްތަކުގެ ފިންގާޕްރިންޓް ވެރިފައިކުރުމަށް 20 ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށެވެ. އެހެންކަމުން ލިބިފައިވާ ކުޑަވަގުތުކޮޅަށް ބަލާއިރު އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ފުވާދު ވިދާޅުވި އެވެ.

ލިސްޓުގައި ސޮއިކުރެއްވުމަށް ގާސިމްގެ ފަރާތުން އުމަރު ނަސީރު އާއި މާޒް ސަލީމް ރޭ ގެ ވަގުތެއްގައި އެ ކޮމިޝަނަށް ވަޑައިގެންނެވި ކަމަށާއި ނަމަވެސް އެވަގުތު ލިސްޓު ތައްޔާރު ކުރެވިފައިނުވާތީ އެކަން އެ ދެ ބޭފުޅުންގެ އަރިހު ދަންނަވާފައިވާނެ ކަމަށް ވެސް ފުވާދު ވިދާޅުވި އެވެ.

ފުވާދު ވިދާޅުވީ އޭގެ ފަހުން ލިސްޓު ތައްޔާރުކޮށް ނިމުމުން އޭގައި ސޮއިކުރައްވަން ވަޑައިގަތުމަށް ދެންނެވުމަށްޓަކައި، ގާސިމްގެ ކެންޕޭން އެޖެންޓް އިލްހާމް އަހްމަދާއި އެމަނިކުފާނުގެ މަންދޫބުންނަށް ފޯނުކުރުމުން ފޯނަށް ޖަވާބުދެއްވާފައިނުވާތީ އެ ބޭފުޅުންގެ ގެތަކަށް ވެސް ކޮމިޝަންގެ އޮފިޝަލުން ވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެބޭފުޅުންނާ ބައްދަލުވާ ގޮތެއް ނުވި ކަމަށް ވެސް ފުވާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާސިމާއި ޔާމީންގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއިކުރައްވާފައިނުވާ މައްސަލަ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިންގެ ސަމާލުކަމަށް ގެންދަވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ދެ ބޭފުޅުންނާ ވާހަކަދައްކައިގެން ލިސްޓުގައި ސޮއިކުރެއްވޭތޯ މަސައްކަތް ކުރުމަށް އުއްތަމަ ފަނޑިޔާރު އަންގަވާފައިވާ ކަމަށެވެ.

ގާސިމާއި ޔާމީންގެ ފަރާތުން ލިސްޓުގައި ސޮއިކުރައްވާފައިނުވާ މައްސަލަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަމާލުކަމަށް ގެންދަވާފައިވާ ކަމަށް ވެސް ފުވާދު ވިދާޅުވި އެވެ.
ފުވާދު ވިދާޅުވީ އިންޑިއާގެ ނިއުދިއްލީ އަށް ވޯޓު ފޮށި ފޮނުވަން އުޅުމުން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ލިސްޓުގައި ސޮއިނުކުރައްވަނީސް އެ ފޮށި އިންޑިއާ އަށް ނުފޮނުވޭނެ ކަމަށް އެ ފޮށީގެ ސެކިއުރިޓީ ކަންތަކާ ހަވާލުވެ ހުންނެވި ފުލުސް އޮފިސަރު ވިދާޅުވި ކަމަށެވެ. ނަމަވެސް އޭގެފަހުން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒަށް ގުޅާލުމުން ފޮށި ފޮނުވުމުގެ ކަންތައް ކުރިއަށް ގެންދިޔުމަށް ދަންނަވާފައިވާތީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ދިއްލީއަށް ވޯޓު ފޮށި ފޮނުވޭވަރު ވާނެ ކަމަށް ވެސް ފުވާދު ވިދާޅުވި އެވެ.

މީގެއިތުރުން ފުވާދު ވިދާޅުވީ މާދަމާ ރިޔާސީ އިންތިޚާބު ބޭއްވުމަށްޓަކައި ޔާމީނާއި ގާސިމްގެ އަރިހުން އެއްބާރުލުން ދެއްވުމަށް އެދިފައިވާނެ ކަމަށެވެ. އެގޮތުން ވީ އެންމެ އަވަހަކަށް އެބޭފުޅުންގެ މަންދޫބުން ކޮމިޝަނަށް ފޮނުވައި ލިސްޓުގައި ސޮއިކުރެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ވެސް ފުވާދު ވިދާޅުވި އެވެ.