އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓުގައި ކެންޑިޑޭޓުންގެ މަންދޫބުން ސޮއި ކުރުމުގެ ކުރިން އެމްޑީޕީ ފިޔަވައި ޕީޕީއެމާއި ޖުމްހޫރީ ޕާޓީން ވޯޓާސް ލިސްޓު ހައްސަކަން ކަށަވަރު ކުރަން ބޭނުންވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ވޯޓާސް ލިސްޓުގައި ސޮއި ކުރުމަށް އެންމެ ފުރަތަމަ ހުޅުވާލި މިރޭ 10:00 ޖެހިއިރު އެވެ. ލިސްޓު އެކުލަވާލުމުގައި ޖެހުނު މައްސަލަތަކާ ހުރެ ސޮއިކުރުން ފަސްކުރުމަށްފަހު އަލުން އެ ފުރުސަތު ހުޅުވާލި މިރޭ މެންދަމު 2:00 ޖެހި ފަހުންނެވެ. ލިސްޓު ޕްރިންޓްކޮށް ނުނިމޭތީ އަނެއްކާވެސް އެ ލިސްޓުގައި ސޮއި ކުރުމުގެ ފުރުސަތު ދެ ވަނަ ފަހަރަށް ވަނީ ފަސްކޮށްފަ އެވެ.

ވޯޓާސް ލިސްޓުގެ ސައްހަކަން ކަށަވަރުކޮށް، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ސުޕްރީމް ކޯޓުން ކަނޑައެޅި ގައިޑްލައިންގައިވާ ގޮތަށް ފައިނަލް ލިސްޓުގައި ސޮއި ކުރުމަށް ކެންޑިޑޭޓުންގެ މަންދޫބުން މިރޭ މެންދަމު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންނެވި އެވެ. އެމްޑީޕީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް މިރޭ ވަޑައިގެންނެވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ މަންދޫބު ހަސަން ލަތީފެވެ. ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ފަރާތުން ވަޑައިގެންނެވީ އުމަރު ނަސީރާއި މާޒް އަހުމަދު ސަލީމެވެ. ޕީޕީއެމްގެ ފަރާތުން އިލެކްޝަނަށް ވަޑައިގެންނެވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ މަންދޫބު އަބްދުﷲ އަމީނާއި މަލީހު ޖަމާލު އަބޫބަކުރެވެ. އެ ބޭފުޅުން އިލެކްޝަނަށް ވަޑައިގެންނެވީ މިރޭ މެންދަމު 3:00 ޖެހިފަހުންނެވެ. އެ ދެ ބޭފުޅުން މިހާރު ތިއްބެވީ އިލެކްޝަންސް ކޮމިޝަންގަ އެވެ.

އަބްދުﷲ އަމީން ވިދާޅުވީ ލިސްޓުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ "ދެލިކޮޅު" އޮތުމަކުން ލިސްޓުގެ ސައްހަ ކަމަށް ނުވެނޭނެ ކަމަށާއި ލިސްޓު ސައްހަ ކަމަށް ބެލެވޭނީ "ވެރިފައި" ކުރުމުން ކަމަށެވެ. ލިސްޓު ވެރިފައި ކުރުމަށް ޕީޕީއެމަށް ވަގުތު ބޭނުންވާ ކަމަށާއި ކޮންމެ ވަގުތެއްގައި ވެސް އިލެކްޝަނުން ގުޅާލިޔަސް ލިސްޓުގެ ސައްހަކަން ބެލުމަށް ތިއްބެވި ކަމަށް އަމީން ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ނުކުމެވަޑައިގެން އުމަރު ނަސީރު "ސަން"އަށް ފޯނުން ވިދާޅުވީ ލިސްޓުގައި ސޮއި ކުރުމަށް ވަޑައިގެންނެވިއިރު، ފައިނަލް ލިސްޓު އެއްކޮށް ތައްޔާރު ކުރެވިފައި ނުވާ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން އަންގާ ކޮންމެ ވަގުތެއްގައި ވެސް އެ ކޮމިޝަނަށް ވަޑައިގެން ލިސްޓުގައި މަސައްލަތަކެއް ނެތްނަމަ ސޮއި ކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށެވެ. އެހެންނަމަވެސް އެކަމަށް ވަގުތު ބޭނުންވާ ކަމަށް އުމަރު ނަސީރު ވިދާޅުވި އެވެ.

"މިރޭ 10:00 އިރު ވެސް ކޮމިޝަނަށް އަޅުގަނޑުމެން ލިސްޓުގައި ސޮއި ކުރުމަށް އައިން. އަދި މިރޭ 2:00 ޖެހިއިރު ވެސް އަޅުގަނޑުމެން މިއައީ ކޮމިޝަނުން އަންގައިގެން. އެހެންނަމަވެސް އެބުރި މިދާންޖެހެނީ ލިސްޓު ތައްޔާރުކޮށްފައި ނެތީގައި،" އުމަރު ނަސީރު ވިދާޅުވި އެވެ.

ހަސަން ލަތީފު "ސަން"އަށް ވިދާޅުވީ އެމްޑީޕީން ކޮންމެ ވަގުތެއްގައި ވެސް ލިސްޓުގައި ސޮއި ކުރުމަށް ތައްޔާރަށް ތިއްބި ކަމަށެވެ.