18 Oct 2013, 01:28
ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން އެމްޑީޕީން މިރޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި އެންމެ ފަހު ކެންޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރިން ރާއްޖޭގައި އަމަލުކުރަމުން ދިޔަ ގާނޫނު އަސާސީގެ ބާރުވެސް ބަޔަކު ކަނޑުވާލި ކަމަށެވެ. އަދި މިއަދުވެސް ބަޔަކު މިއަދު މަސައްކަތް ކުރަމުންދަނީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ފުރަތަމަ ގާނޫނުއަސަސީ ބަޔަކު މީހުން ނިކުމެ އުލު ބޭންދި. މިއަދުގެ ގާނޫނުއަސާސީ އުލު ބޭންދުމަށް އެތައްބަޔަކު އެބަ މަސައްކަތް ކުރޭ. މި ގާނޫނުއަސާސީ އަކީ އަޅުގަނޑުމެން ރައްޔިތުންގެ ބައިވެރިވުމާއިއެކު އެކުލަވާލެވުނު ފުރަތަމަ ގާނޫނުއަސާސީ" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އަކީ ރާއްޖޭގެ ރައްޔިތުންނަށް ވޯޓް ކަށަވަރު ކޮށްދޭ ގާނޫނުއަސާސީ އެއް ކަމަށާއި އެ ގާނޫނު އަސާސޫގެ އަސާސަކީ ރާއްޖޭގެ ރައްޔިތުންނަށް އިންސާފްވެރި ކަމާއިއެކު ވޯޓް ލުން ކަށަވަރު ކޮށްދީ ރައްޔިތުންގެ ވެރިކަމެއް ގާއިމް ކޮށްދިނުން ކަމަށެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީން ލިބިގެންވާ ހައްގުގެ ދަށުން ހޮނިހިރު ދުވަހު ރައްޔިތުންލާ ވޯޓަކީ ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް އަދި އެއްވެސް މީހަކަށް ވެސް ނިގުޅައިގަނެވޭނެ އެއްޗެއް ނޫން ކަމަށެވެ. އެކަން ރާއްޖޭގެ ރައްޔިތުން ހޮނިހިރު ދުވަހު ސާބިތު ކޮށްދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.