18 Oct 2013, 00:10
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އެއްކޮށް ނިންމައި ނުލެވިގެން، ލިސްޓުގައި ކެންޑިޑޭޓުން ސޮއި ކުރުމުން ފަސްކޮށްފި އެވެ.
ސެޕްޓެމްބަރުގައި ހަތެއްގައި ބޭއްވި ރިޔާސީ އިންތިހާބު ބާތިލު ކުރި ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ފައިނަލް ވޯޓާސް ލިސްޓު ސައްހަ ކަމަށް އެއްބަސްވާން ޖެހޭނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބުނެފައި ވަނީ މިރޭ 10:00 ފެށިގެން ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ފައިނަލް ވޯޓާސް ލިސްޓުގައި ސޮއި ކުރަން ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކަރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު "ސަން"އަށް ވިދާޅުވީ ފައިނަލް ވޯޓާސް ލިސްޓު ތައްޔާރުކޮށް ނުނިމިގެން އުޅެނީ ފަހު ދަނޑިވަޅުގައި މައްސަލަތަކެއް ދިމާވެގެން ކަމަށެވެ. ނަމަވެސް އެ ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ އަލުން މިރޭގެ ވަގުތެއްގައި ކެންޑިޑޭޓުން ސޮއި ކުރުމަށް ހުޅުވާލުމަށް ކަމަށް ވެސް އާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުންމިދަނީ އެގޮތަށް. އެއީ މިރޭ ވެސް ސޮއި ކުރަން ހުޅުވާލެވޭތޯ މިއުޅެނީ. އަދި ވޯޓާސް ލިސްޓު އެއްކޮށް ޕްރިންޓު ވެސް ނުކުރެވި ވަނީ،" އާސިމް ވިދާޅުވި އެވެ.
ވޯޓާސް ލިސްޓުގައި ސޮއި ކުރުން ފަސްވެފައިވާކަން ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނަށް އިލެކްޝަނުން މިހާރު ވަނީ އަންގާފަ އެވެ.
ފައިނަލް ވޯޓާސް ލިސްޓު އާންމު ކުރުމުގެ ކުރިން އެ ލިސްޓުގައި ސޮއި ކުރާނެ ކަމުގެ އިޝާރާތެއް އެމްޑީޕީން ވަނީ ދީފަ އެވެ. އެ ޕާޓީން ބުނެފައި ވަނީ އެ ވޯޓާސް ލިސްޓުގައި މަދު މަސައްތަކެއް އެބަހުރި ކަމަށާއި އެ މައްސަލަތަކެއް ކުރިމަތިވެގެން ވެސް އިންތިހާބު ނަތީއްޖާއަށް އަންނާނީ 0.6 ޕަސެންޓުގެ ބަދަލެއް ކަމަށްވާތީ އެ ޕާޓީން ގަޞްދުކުރަނީ ލިސްޓު ޤަބޫލުކޮށް، ރިޔާސީ އިންތިޚާބައިގެން ކުރިއަށްދާން ކަމަށެވެ.